ސަލްމާން ޚާން ވެގެން ގޮސްފައިވަނީ ބޮލީވުޑްގެ އެންމެ ނުފޫޒުގަދަ އެކަކަށެވެ. ބޮލީވުޑްގެ "ބާއީ"ގެ ގޮތުގައި މަޝްހޫރު ސަލްމާން ވަނީ އެތައް ބަޔަކު މި ދާއިރާއަށް ނެރެދިނުމުގެ އިތުރުން، އޭނާގެ އެންޖީއޯ "ބީން ހިއުމަން" އިން ވެސް މަޝްހޫރުކަން ހޯދާފަ އެވެ.

ސަލްމާން ޚާންއާ ހެދި އެތައް ލަވަކިޔުންތެރިންނާ ފިލްމީތަރިންގެ ކެރިއަރު ނިމުމަކަށް އައި ކަމަށް އަބަދުވެސް ބޮލީވުޑްގައި ވާހަކަދެކެވެ އެވެ. މި ބަލާލަނީ އޭގެ ތެރެއިން ބައެއް ތަރިންނަށެވެ.

ވިވެކް އޮބެރޯއީ

ދެހާހުގެ ކުރީ ކޮޅުގައި "ކިޔުން..ހޯގަޔާ ނާ" ފިލްމުގެ މަސައްކަތް ކުރިއަށްދިޔަ ދުވަސްވަރު އައިޝްވާރްޔާ ރާއީ އާއި ވިވެކް އޮބެރޯއީގެ ދެމެދުގައި ގުޅުމެއްވާ ކަމުގެ އަޑު ގަދަވި އެވެ. އައިޝްވަރްޔާގެ ކުރީގެ ލޯބިވެރިޔާ ކަމަށްވާ ސަލްމާން މިކަމާ ނުރުހި ވިވެކް އަށް އެކި ގޮތްގޮތުން އުނދަގޫތަކެއް ކުރަން ފެށި އެވެ. ވިވެކް ވަނީ މި މައްސަލާގައި ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވާފަ އެވެ. ނަމަވެސް އެކަމުން އޭނާގެ ކެރިއަރު ސަލާމަތެއް ނުވި އެވެ.

އަނޫރާގް ކަޝްޔަޕް

ތަފާތު އެކި ފިލްމުތައް ޑައިރެކްޓް ކޮށްފައިވާ އަނޫރާގް ކަޝްޔަޕްއާ ވެސް ސަލްމާނާ ވަރަށް ހޫނު ވި އެވެ. ސަލްމާންގެ ފިލްމެއް ކަމަށްވާ 'ތޭރޭ ނާމް" އެންމެ ފުރަތަމަ ޑައިރެކްޓު ކުރާ ގޮތަށް އޮތީ އަނޫރާގެވެ. ނަމަވެސް ސަލްމާން އަކީ ރާދޭގެ ގޮތުގައި ދައްކަން އޭނާ ބޭނުމެއް ނުވި އެވެ. ޕްރޮޑިއުސަރުން ވެސް ބޭނުންވީ ސަލްމާން ލައްވާ އެ ރޯލު ކުޅުވާށެވެ.

ރިޕޯޓުތައް ބުނާގޮތުން އެ ރޯލު ކުޅުމަށް ސަލްމާން މޭމަތީގައި އިސްތަށި ފަޅުވަން އަނޫރާފް ބުނުމުން ރުޅި އައިސް ފިލްމުގެ ޕްރޮޑިއުސަރު ވަނީ އަނޫރާގާ ދިމާއަށް ބިއްލޫރި ތައްޓެއް ވެސް އެއްލާލާފަ އެވެ.

އަރިޖިތު ސިންހް

އެވޯޑް ހަފްލާއެއްގެ ތެރޭގައި އަރިޖިތު ސިންހްއަށް އެވޯޑެއް ލިބި ނަން އިއުލާނުކުރި ވަގުތު އޭނާ އަށް އިނީ ނިދިފަ އެވެ. މައްސަލަ ގޯސްވީ މި އެވޯޑް ހަވާލުކުރަން ސްޓޭޖްމަތީގައި ހުރީ ސަލްމާން ކަމަށް ވުމުންނެވެ. ސަލްމާން ރުޅި އައުމުން އަރިޖިތު ވަނީ އެންމެ ފަހުން ދެ ސަފްހާގެ ބޮޑު މައާފުގެ ސިޓީއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ރިޕޯޓުތައް ބުނާގޮތުން އަރިޖިތު އަށް ލިބެން ހުރި ބައިވަރު ޕްރޮޖެކްޓްތައް ސަލްމާން ވަނީ ހުއްޓުވާފަ އެވެ.

ރަންބީރު ކަޕޫރު

ސަލްމާނާއި ރަންބީރުގެ ދެމެދުގައި ރުޅިވެރިކަން އުފެދުނީ ކެޓްރީނާ ކައިފްގެ މައްސަލައިގަ އެވެ. އަޖަބް ޕްރޭމް ކީ ގަޒަބް ކަހާނީ ޝޫޓް ކުރަމުން ދިޔަ ދުވަސްވަރު ރަންބީރު އާއި ކެޓްރީނާ ލޯބީގެ ގޮތުން ގުޅުމުން ސަލްމާން ވަނީ އެކަމާ ހިތްހަމަ ނުޖެހިފަ އެވެ. ސަލްމާން އަކީ ކެޓްރީނާގެ ކުރީގެ ލޯބިވެރިޔާ އެވެ.

އެ ދެތަރިން ލޯބީގެ ގޮތުން ގުޅުމަށްފަހު ސަލްމާންއާއި ރަންބީރުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ރިޕޯޓުތައް ބުނާގޮތުން ސަލްމާންގެ ކޮއްކޮ އަރްޕިތާގެ ކައިވެނީގެ ހަފްލާގައި ސަލްމާން ވަނީ ކެޓްރިނާ އާ ދިމާއަށް "ހާން އަކަށް ވެވެން އޮއްވާ އެ ފުރުސަތު ނަގާލާފައި ކަޕޫރަކަށް ވާން ނިންމީ" ކަމަށް ބުނެފަ އެވެ.