މުޅި ދުނިޔެ އަށް ބެލި ނަމަވެސް ސަރުކާރުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ފަސާދަ އާއި ވައްކަމުގެ އަމަލުތައް އެންމެ މަދު ގައުމަކަށް ސިންގަޕޫރު ވާނެ އެވެ. އެހެން ނަމަވެސް އެ ގައުމުގެ ރައްޔިތުން މިއަދު ހެނދުނު އަޑުއަހަން ޖެހުނީ ވޭތުވެދިޔަ 40 އަހަރު ވެސް އިވިފައިނުވާ ވަރުގެ ކޮރަޕްޝަނުގެ ބޮޑު މައްސަލަގަނޑަކާ އެކު އެވެ. މިވަރުގެ ބޮޑު ކޮރަޕްޝަނުގެ އަމަލެއް ސަރުކާރުގެ ތެރޭން ހިންގިކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓަރު ސުބުރަމާނިއަމް އިސްވަރަންގެ މައްޗަށް އުފުލާ އެކު މުޅި ގައުމު އޮތީ ބޮޑު ސިހުމެއްގެ ތެރޭގަ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރުގެ މައްޗަށް ކުރި ކޮރަޕްޝަނާއި ނާޖާއިޒް ފައިދާ ނެގި ކަމުގެ މައްސަލަތައް ގުޅިފައި ވަނީ ރާއްޖޭގައި ވެސް އަގުބޮޑު ރިސޯޓްތައް ހިންގާ ސިންގަޕޫރުގެ އެޗްޕީއެލް ކުންފުނީގެ ވެރިޔާ އޮން ބެން ސެންއާ އެވެ.
އިސްވަރަންގެ މައްޗަށް މިއަދު އުފުލި 27 ދައުވާގެ ތެރޭން ގިނަ މައްސަލަތައް ގުޅިފައި ވަނީ 2015 އާއި 2022 އާ ދެމެދު އޮން ބެންގެ ފަރާތުން ލިބުނު ފައިދާތަކަށެވެ. ބަދަލުގައި ތުހުމަތުކޮށްފައި ވަނީ އޮން ބެންގެ ވިޔަފާރި ކުރިއެރުވުމަށް ސިންގަޕޫރު ސަރުކާރުގެ ތެރޭން ކަންކަން ފަހިކޮށްދިނުމެވެ.
ސިންގަޕޫރަށް ފޯމިއުލާ ވަން ކާރު ރޭސް 2008 ވަނަ އަހަރު ގެނައުމުގެ ފަހަތުގައި ހުންނެވީ އޮން ބެން އެވެ. ސިންގަޕޫރު ގްރޯން ޕްރީގެ ރައިޓްސް އޮންނަނީ އޮން ބެންއަށެވެ. ރޭސް ޕްރޮމޯޓްކުރާ ސިންގަޕޫރު ޖީޕީގެ ޗެއާމަނަކީ ވެސް އޮން ބެން އެވެ. އަދި ސިންގަޕޫރު އެފް1 ސްޓިއަރިން ކޮމިޓީގެ ޗެއާމަނަކީ އިސްވަރަން އެވެ. އިސްވަރަންގެ މައްޗަށް ތުހުމަތުކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތަކުގެ ތެރޭގައި ސިންގަޕޫރު ޖީޕީ އާއި ސިންގަޕޫރު ޓޫރިޒަމް ބޯޑާ ދެމެދު ގާއިމްކުރި އެއްބަސްވުމުގައި އޮން ބެންގެ ވިޔަފާރި މަސްލަހަތަށް ފަހިވާގޮތަށް ކަންކަން ކޮށްދީފައިވުން ހިމެނެ އެވެ. ބަދަލެއްގެ ގޮތުން އޮން ބެންގެ ފަރާތުން 145،434 ސިންގަޕޫރު ޑޮލަރު (108،000 އެމެރިކާ ޑޮލަރު) ލިބިފައިވާ ކަމަށް ސިންގަޕޫރުގެ ނޫސްތަކުން ތުހުމަތުކޮށްފައިވެ އެވެ،
ދުނިޔޭގެ 15 ގައުމެއްގައި 38 ހޮޓާ ހިންގާ އުމުރުން 78 އަހަރުގެ އޮން ބެން މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ، އިސްވަރަންގެ ކޮރަޕްޝަން މައްސަލަތަކުގެ ތުހުމަތުގައި ހައްޔަރުވެސް ކޮށްފަ އެވެ. ނަމަވެސް އެއްވެސް ދައުވާއެއް ނުއުފުލާ އެކަމަކު އެއްލައްކަ ސިންގަޕޫރުގެ ޑޮލަރުގެ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.
އޮން ބެންގެ ހޮޓާތައް ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން ބޫޓާން، އިންޑޮނީޝިއާ، ސީޝެލްސް، ތައިލެންޑް، އިޓަލީ، ސައުތު އެފްރިކާ، ޓެންޒޭނިއާ، ޔޫކޭ އަދި ވަނުއާޓޫަގައި ހިންގަ އެވެ. މި ގައުމުތަކުގައި ހޮޓާ ހިންގަނީ ކޯމޯ ހޮޓެލްސް އެންޑް ރިސޯޓްސް، ފޯ ސީޒަންސް ހޮޓެލްސް އެންޑް ރިސޯޓް، އިންޓަ ކޮންޓިނެންޓަލް ހޮޓެލް ގްރޫޕް އަދި މެރިއޮޓް އިންޓަނޭޝަނަލްގެ ބްރޭންޑް ނަމުގެ ދަށުންނެވެ.
ފޯބްސް އިން ސެޕްޓެމްބަރު 2022 ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އޮން ބެން އާއި އޭނާގެ އަންހެނުންގެ މިލްކިއްޔާތުގެ އަގު 1.75 ބިލިއަން ޑޮލަރަށް އެވެ. އެއީ ސިންގަޕޫރުގައި 24 ވަނަ އަށް އެންމެ މުއްސަނދި މީހާ ވެސް މެ އެވެ.
އޮން ބެންގެ ފަރާތުން 2015 އާއި 2022އާ ދެމެދު އިސްވަރަން ލިބުނު "އަގު ބޮޑު ހަދިޔާތަކުގެ" އަގު 384،000 ސިންގަޕޫރު ޑޮލަރު (285،000 އެމެރިކާ ޑޮލަރު) އަށް އަރަ އެވެ. އޭގެ ތެރޭގައި އަގު ބޮޑު ޝޯތަކުގެ ޓިކެޓާއި ފުޓުބޯޅަ މެޗުގެ ޓިކެޓާއި ސިންގަޕޫރު އެފް1 ގްރޯން ޕްރީގެ ތަފާތު އެޑިޝަންތަކުގެ ޓިކެޓް ހިމެނެ އެވެ.
ދެހާސް ފަނަރަ އާއި 2021 އާ ދެމެދު ޔޫކޭ މިއުޒިކަލްސް އަށް 40 ޓިކެޓް އިސްވަރަން އަށް ލިބިފައިވެ އެވެ. މި ޓިކެޓްތަކުގެ އަގު 10،693 ސިންގަޕޫރު ޑޮލަރަށް އަރަ އެވެ.
އިސްވަރަންގެ މައްޗަށް އުފުލި 27 ދައުވާގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޕްރިމިއާ ލީގުގެ ފަސް މެޗެއް ބަލަން 2015 އާއި 2018 އާ ދެމެދު ލިބިފައިވާ 16 ޓިކެޓް ހިމެނެ އެވެ. މި ޓިކެޓްތަކުގެ އަގު 5،646 ސިންގަޕޫރު ޑޮލަރަށް އަރަ އެވެ. މެޗުތަކުގެ ތެރޭގައި އާސަނެލް އާއި ޓޮޓެންހަމް، ޗެލްސީ އާއި ސައުތަމްޓަން، އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު އާސެނަލް އާއި ލިވަޕޫލުގެ މެޗު އަދި ސްޓެމްފޮޑް ބްރިޖުގައި ކުޅުނު ޗެލްސީ އާއި މެންޗެސްޓާ ސިޓީގެ މެޗު ހިމެނެ އެވެ.
ސިންގަޕޫރު ގްރޯން ޕްރީގެ 36 ޓިކެޓް 2016 އާއި 2022 އާ ދެމެދު އިސްވަރަންއަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ރޭސް ނިންމާ ލައިން ފެންނަ ޕްރީމިއަމް އެކްސެސް ޓިކެޓް ވެސް ހިމެނެ އެވެ. އަދި ކާތަކެއްޗާއި ބުއިންތައް ވެސް ލިބޭ، އެއާ-ކަންޑިޝަންކޮށްފައިވާ ޕްރައިމް ވިއު ފެންނަ ގްރީން ރޫމް ޓިކެޓް ވެސް ހިމެނެ އެވެ. މި ޓިކެޓްތަކުގެ އަގު 347،152 ސިންގަޕޫރު ޑޮލަރަށް އަރަ އެވެ.
ޑިސެމްބަރު 2022 ގައި އޮން ބެންގެ ޕްރައިވެޓް ޖެޓުގައި ގަތަރުގެ ދޯހާ އަށް އިސްވަރަން ވަނީ ދަތުރެއް ކޮށްފަ އެވެ. އެ ދަތުރުގެ އަގަކީ 10،410.40 ސިންގަޕޫރު ޑޮލަރެވެ. ފޯ ސީޒަން ދޯހާގައި އެއްރޭ ހުރުމަށް 4،737.63 ސިންގަޕޫރު ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. ދޯހާ އިން ސިންގަޕޫރަށް ކުރި ބިޒިނަސް ކްލާސް ޓިކެޓަށް 5،700 ސިންގަޕޫރު ޑޮލަރު އޮންގެ ފަރާތުން ޚަރަދުކޮށްފައިވެ އެވެ.
ސިޔާސީ ދާއިރާގައި 30 އަހަރު ހޭދަކޮށްފައިވާ އިސްވަރަންގެ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން މުޅި ގައުމުގެ ތަސައްވަރު ވަނީ ކިލަނބުވެފަ އެވެ. މިއީ މަގާމުގައި ހުއްޓާ ސިންގަޕޫރުގައި މިގޮތަށް ޖިނާއީ ދައުވާއެއް އިއްވި ފުރަތަމަ ފަހަރެވެ. ސިންގަޕޫރުގެ މިނިސްޓަރަކާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް އެންމެ ފަހުން ފެންމަތިވެފައި ވަނީ 1986 ވަނަ އަހަރު އެވެ.
ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޓެން ޗީއާން ވަންގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ ސިންގަޕޫރުގައި ޗުއިމް ގަމް ވިއްކުން މަނާކުރުމަށް ހުށަހެޅުމުންނެވެ. އެކަން ކުރަން އޭނާ ހުށަހެޅި ކަމަށް ވަނީ އަމިއްލަ ކުންފުންޏަކުން ރިޝަވަތު ނަގައިގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެކަމުގައި ވަން ގެންދިޔައީ އޭނާގެ ކުށެއް ނެތްކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އެ މައްސަލާގައި ދައުވާ އުފުލުމުގެ ކުރިން އޭނާ ވަނީ އަވަހާރަވެފަ އެވެ.
ސިންގަޕޫރަކީ ކޮރަޕްޝަނުގެ މައްސަލަތައް މަދުކުރުމަށް ވަޒީރުންނަށް އެންމެ ބޮޑު މުސާރަ ވެސް ދޭ ގައުމުތަކުގެ ތެރޭން ގައުމެކެވެ. ސިންގަޕޫރުގެ މިނިސްޓަރެއްގެ އަހަރު ދުވަހުގެ މުސާރަ 1.1 މިލިއަން ސިންގަޕޫރު ޑޮލަރު (834،000 އެމެރިކާ ޑޮލަރު) އަށް އަރަ އެވެ.
ސިންގަޕޫރު ހިމެނެނީ ވަރަށް ސާފު ސަރުކާރެއް ހިންގާ ގައުމެއްގެ ގޮތުގަ އެވެ. ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕަސެޕްޝަން އިންޑެކްސްގައި ސިންގަޕޫރު މިހާރު ހިމެނެނީ ފަސް ވަނައިގަ އެވެ.
އެމެރިކާގެ ހާވަޑް ޔުނިވާސިޓީން މާސްޓާސް އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައިވާ އިސްވަރަންގެ ކޮރަޕްޝަންގެ މައްސަލަތައް ބަލަން ފެށީ މިދިޔަ ޖުލައި މަހުން ފެށިގެންނެވެ. އެފަހަރު އިސްވަރަންއާ އެކު އޮން ބެން ވެސް ހައްޔަރުކުރި އެވެ. އޭގެ ފަހުން މަސައްކަތުން އިސްވަރަން އަށް ޗުއްޓީ ދީފައިވާ އިރު ކޮންމެ މަހަކު ވެސް 8،500 ސިންގަޕޫރު ޑޮލަރުގެ އެލަވަންސެއް ދެ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކަށްވާތީ ކޮންމެ މަހަކު ވެސް 15،000 ސިންގަޕޫރު ޑޮލަރުގެ އެލަވަންސެއް ދެ އެވެ. ސިންގަޕޫރުގައި މިނިސްޓަރެއްގެ ފެށޭ މުސާރައަކީ މަހަކު ގާތްގަނޑަކަށް 45،000 ސިންގަޕޫރު ޑޮލަރެވެ.
ވެރިކަންކުރާ ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ) ގެ ސީނިއާ މެންބަރެއް ކަމަށްވާ އިސްވަރަން މިއަދު ވަނީ ބޮޑުވަޒީރު ލީ ސިއެން ލޫން އަށް އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އަދި ވަނީ އޭނާގެ މައްސަލަ ޖުލައި މަހު ބަލަން ފެށީއްސުރެ ދެމުން ދިޔަ މުސާރަ އާއި އެލަވަންސް އަނބުރާ ސަރުކާރަށް ހަވާލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ސިންގަޕޫރުގެ ބާނީ އަދި ފުރަތަމަ ބޮޑުވަޒީރު ލީ ކުއާން ޔޫގެ ދޮށީ ދަރިކަލުން ލީ މިއަދު ވަނީ އިސްވަރަންގެ އިސްތިއުފާ ގަބޫލް ކުރައްވައިފަ އެވެ.
އިސްވަރަން އާއި އޮން ބެންގެ ކޮރަޕްޝަނުގެ މައްސަލަ ފެންމަތިވެފައި މިވަނީ ސިންގަޕޫރުގެ ސިޔާސީ މަސްރަހުގައި ވެސް މުހިންމު ދުވަސްވަރަކާ ކުރިމަތިލާން ތައްޔާރުވެފައި ވަނިކޮށެވެ. ވިހި އަހަރު ގައުމު ހިންގެވުމަށް ފަހު ލީ ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ. ސިންގަޕޫރުގައި އާއްމު އިންތިޚާބު އޮންނާނީ އަންނަ އަހަރު އެވެ.