ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ގައުމަށް ފޮނުވާލުމާ ގުޅޭ ދެ ވަނަ މަޝްވަރާ ބައްދަލުވުން އިންޑިއާގައި ބާއްވަން ނިންމައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދިރް ޖައިސްވަލް ވިދާޅުވީ، ރާއްޖޭގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ދެ ގައުމުގެ ފުރަތަމަ ބައްދަލުވުމުގައި ގުޅުން ބަދަހިކޮށް، އެކުގައި މަސައްކަތް ކުރެވޭނެ ހައްލަކާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.

އެކަމުގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ މި މަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޮދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި ވަނީ އިންޑިއާ ސިފައިން ބޭލުމުގެ ކަންކަން ކުރިއަށްގެންދަން "ހައި ލެވެލް ކޮމިޓީ" އެއް އުފެއްދުމަށް ނިންމާފަ އެވެ.

އަންނަ މާޗް މަހުގެ ކުރިން އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފަ އެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރި ގޮތުގައި ރާއްޖޭގައި މިވަގުތު އިންޑިއާގެ 88 ސިފައިން އެބަތިއްބެވެ. އެ ސިފައިން ތިބީ ހެލިކޮޕްޓަރު ދުއްވުމާއި އޭގެ އެކި އެކި މަސައްކަތް ކުރުމުގެ ނަމުގަ އެވެ.