ބޮލީވުޑްއަކީ މަޝްހޫރު ފަންނާނުން ގިނަ ދާއިރާ އެކެވެ. އެ ދާއިރާގައި މަސައްކަތް ކުރަން އެކި ގައުމުތަކުން މީހުން މަސައްކަތް ކުރާ ދާއިރާ އެކެވެ. އެގޮތުން މިހާރު ވެސް އެދާއިރާގައި މަސައްކަތް ކުރާ ބައެއް މަޝްހޫރު ފަންނާނުންނަކީ އިންޑިއާ ރައްޔިތުން ކަމަށް ހީވެފައި އޮތް ނަމަވެސް އެހެން ގައުމުތަކަށް ނިސްބަތްވާ ތަރިންނެވެ.

މި ލިޔުމުގައި މި ބަލާލަނީ އެފަދަ ބައެއް ތަރިންނަށެވެ.

އާލިއާ ބަޓް

އާލިއާ ބަޓްއަކީ ފިލްމު ޕްރޮޑިއުސަރު އަދި ޑިރެކްޓަރު މަހޭޝް ބަޓްގެ ދެވަނަ ކައިވެންޏަށް ލިބުނު ދަރި އެކެވެ. މިހާރު ފިލްމީ ދާއިރާގައި އެންމެ އުހުގައި ގުނާލެވޭ އާލިއާ އުފަންވީ އިނގިރޭސި ވިލާތުގެ ލަންޑަނުގަ އެވެ. އޭނާ އަކީ އިނގިރޭސި ރައްޔިތެކެވެ.

ދީޕިކާ ޕަދުކޯން

ދީޕިކާއަކީ އޭނާގެ ރީތިކަމާއި ހުނަރަށްޓަކައި މަގުބޫލުކަން ހޯދި ފަންނާނެކެވެ. އިންޑިއާގެ ބެޑްމިންޓަން ކުޅުންތެރިއަކަށް އުފަން ދީޕިކާ އުފަންވީ ޑެންމާކުގެ ކޯޕަން ހޭގަންގަ އެވެ. އޭނާއަކީ ޑެންމާކުގެ ރައްޔިތެކެވެ.

ކެޓްރީނާ ކައިފް

ކެޓްރީނާ ކައިފްއަކީ ޕާކިސްތާނުގެ ބައްޕައަކާއި އިނގިރޭސި މަންމައަކަށް އުފަން ތަރި އެކެވެ. ލަންޑަނުގައި އުޅެ ބޮޑުވި ކެޓްރީނާއަކީ އިނގިރޭސި ވިލާތަށް ނިސްބަތްވާ ތަރި އެކެވެ.

ޖެކޮލިން ފެރްނަންޑޭޒް

މަޝްހޫރު ގިނަ ފިލްމުތަކަކުން ފެނިގެން ގޮސްފައިވާ ޖެކޮލިންއަކީ ސްރީލަންކާއަށް އުފަން އެގައުމުގެ ރައްޔިތެކެވެ. އޭނާއަކީ 2006 ވަނަ އަހަރު މިސް ސްރީލަންކާ ބިއުޓީ ޕޭޖަންޓް ކާމިޔާބުކުރި ފަރާތެވެ.

ނަރްގިސް ފަޚްރީ

ނަރްގިސްއަކީ ވެސް މިހާރުގެ އެކްޓަރެސްއިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ތަރި އެކެވެ. ޕާކިސްތާނުގެ ބައްޕައަކާއި ކްޒެޗް ރިޕަބްލިކްގެ މަންމައަކަށް އުފަން ނަރްގިސްއަކީ އެމެރިކާގެ ރައްޔިތެކެވެ.