ރާއްޖޭގެ ދިފާއީ ބާރު ކުރިއެރުވުމާއި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި އެމެރިކާ އިން އެއްބާރުލުން ލިބިގެންދާނެ ކަމަށް އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ ވިދާޅުވެއްޖެ އެވެ.

އެޑްމިރަލް ޖޯން މިހެން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒާ އެކު މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތުމާއި ގުޅިގެން ރައީސް މުއިއްޒަށް، އެމެރިކާގެ ކޮމާންޑަރު އެޑްމިރަލް ޖޯން މަރުހަބާ ދެންނެވި އެވެ.

މި ބައްދަލުވުމުގައި އެމެރިކާއިން ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރުމަށް، ރާއްޖޭގެ ސިފައިންނަށް އެމެރިކާއިންދޭ ތަމްރީންގެ ފުރުސަތުތައް ފާހަގަކުރައްވާ، އެ ގައުމުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށް ރައީސް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، ރާއްޖޭގެ ދިފާއީ ބާރު ކުރިއެރުވުމުގައި އެމެރިކާއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކޮމާންޑަރު އެޑްމިރަލް ޖޯން ރައީސަށް ދެއްވި އެވެ. އަދި ރާއްޖެއިން އިންޑިޔާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތައް ކޮމާންޑަރު ފާހަގަކުރެއްވި އެވެ. ހަމައެއާއެކު، ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމާއިމެދު އިންޑޯ ޕެސިފިކް އޭރިއާގެ ކޮމާންޑަރު އެޑްމިރަލް ޖޯން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ.

ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ.