ސޯޅަ އަހަރަށް ފަހު ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިވެވަޑައިގެންފި އެވެ.

ފައިސަލު ޖޭޕީން ވަކިވެވަޑައިގަތުމަށް މިއަދު ސިޓީ ފޮނުއްވާފައިވާއިރު މިކަމާ ގުޅޭގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެކު ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.

ޖޭޕީން ވެސް ވަނީ ފައިސަލް ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވާފައިވާކަން ޔަގީންކޮށްދީފަ އެވެ.

ދެހާސް ހަތަރު ވަނަ އަހަރު ރައްޔިތުންގެ ހާއްސަ މަޖިލީހުން ސިޔާސީ މަސައްކަތް ފެއްޓެވިއިރު 2005 ވަނަ އަހަރު އެމްޑީޕީ އުފެއްދުމާ އެކު އެ ޕާޓީއަށް ފައިސަލް ސޮއިކުރެއްވި އެވެ.

އޭގެ ފަހުން، އެމްޑީޕީގައި ހުންނަވާފައި 2008 ވަނަ ފައިސަލް ވަނީ ގާސިމް އުފެއްދެވި ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފަ އެވެ.

ފައިސަލް ވަނީ 2018 އިން 2023 އަށް ރާއްޖޭގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އެ މަނިކުފާނަކީ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސެވެ.

އެންމެ ފަހުން މިދިޔަ ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ވާދަކުރެއްވިއިރު ފައިސަލް ރަނިން މޭޓަކަށް ނަންގަވާނެ ކަމަށް އެންމެ ފުރަތަމަ ބެލެވުނަސް، ސޯލިހު އެ އިންތިހާބުގައި ވާދަކުރެއްވީ މިހާރުގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމްއާ އެކު އެވެ.

ފައިސަލް ވަނީ މިފަހުން ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓު އަދި އިންތިހާބީ މޭޔަރު އާދަމް އާޒިމްގެ ކެމްޕޭނުގައި ހަރަކާތްތެރިވެވަޑައިގެންފަ އެވެ.