ޕީޕީއެމް، ޕީއެންސީގެ މަޖިލިސް ޕްރައިމަރީގައި ޕާޓީގެ އެތައް ބަޔަކަށް ކެހި ދީފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.
ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވަން ފޯމު ހުށަހެޅުއްވި ގިނަ ބައެއް ކެންޑިޑެސީ ބަލައިނުގަންނަން ނިންމި މައްސަލާގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ތިމާމެންގެ ހަގީގަތާއި އަސްލު ނުލަފާކަން ހާމަވާން ކަންތައްތަކެއް އަބަދުވެސް الله ތަޢާލާ މިންވަރު ކުރައްވާ ކަމަށެވެ.
ޑރ. ޖަމީލް ވިދާޅުވީ މީހެއްގެ ނުލަފާކަން ބަލާނީ އެމީހެއްގެ އަމަލާއި ކައިރީގައި ތިބި މުރުޝިދުންގެ އަހްލާގުން ކަމަށެވެ. މިއަދު ފެންނަމުންދާ ކަންތައްތަކަށް ބަލާއިރު، ޕީޕީއެމް ވަނީ ފައްތާފައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެތަކެއް އާއިލާތަކެއްގެ ބުރަ މަސައްކަތް ޖަހައިގަނެ ދުރާލައި ރާވައިގެން ޕީޕީއެމްގެ އެތައް ކެންޑިޑޭޓުން ޕްރައިމަރީން ކަޓުވާލާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތިލާން ތިބި ގިނަ ބަޔަކަށް ކެހި ދިނީ އެ ޕާޓީގެ ކުރީގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ "ބުރަކަށްޓަށް ވަޅި ހަރައި" އެމަނިކުފާނުގެ ބުރަ މަސައްކަތަށް ތެޔޮހަމެއް ދިނުމަށްފަހު ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އެއަށްފަހު ޔާމީންގެ ޝަރީއަތައް އަތްބާނާ ނުފޫޒް ފޯރުވަން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲގެ ކިބައިން ފެންނަނީ މަކަރާއި ހީލަތާއި ދޮގާއި އޮޅުވާލުން ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.