ހުޅުމާލޭގައި ހިނގި ނުރައްކާތެރި ދެ ހާދިސާއެއްގައި ކުޑަ ދެ ކުދިން މަރުވުމާ ގުޅިގެން، މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތްކަން ޔަގީންކުރުމަށް އެންމެހާ ފަރާތްތަކުން ގުޅިގެން ފިޔަވަޅުތައް އަޅަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިލްތިމާސްކުރައްވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރީ ހިނގި އެކްސިޑެންޓެއްގައި 9 އަހަރުގެ ޒީވާ ސިނާން އަހުމަދު މަރުވެފައިވާއިރު، މިއަދު ވަނީ އެ ފިޔަވަހީގެ ސްޓެލްކޯ ޓަވަރަކުން ވެއްޓި 2 އަހަރުގެ އަންހެން ކުއްޖަކު ވެސް މަރުވެފަ އެވެ. މީގެ އިތުރުން އިއްޔެ އަމާން އުދަރެސް ޓަވަރެއްގެ 3 ވަނަ ފަންގިފިލާއިން 16 އަހަރުގެ ކުއްޖަކު ވެއްޓި، އައިޖީއެމްއެޗްގައި ފަރުވާދެމުންދާއިރު އެ ކުއްޖާގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުންނެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، މަރުވި ދެ ކުދިންގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެ، އެ ކުދިންގެ މަރުގެ ހަބަރާއެކު މުޅި ގައުމަށް ބޮޑު ހިތާމައެއް ވެރިވެފައިވާކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި މަގުމައްޗާއި އުސް އިމާރާތްތަކުގައި ހިނގާ ނުރައްކާތެރި ހާދިސާތަކާ މެދު އާންމު ހޭލުންތެރިކަން އިތުރުކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ ގައުމީ އަދި އިންސާނީ މަސައްކަތެކެވެ. ވަކިން ހާއްސަކޮށް، އުސް އިމާރާތްތަކުގެ ކުޑަދޮރާއި ބެލްކަނި ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވި އެވެ.

ހަމައެއާއެކު ނަފުސާނީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ތުއްތު ކުދިން ބެލެހެއްޓުމުގައި އާއިލާތަކާއި އިމާރާތްތައް ބަލަހައްޓާ ފަރާތްތައް ގުޅިގެން ޒިންމާދާރު ފިޔަވަޅުތައް އެޅުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.