މާޗު 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓަށް 746 ޝަކުވާ ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވައިލީ މި މަހުގެ 10 ގަ އެވެ. އަދި ޝަކުވާ ހުށައެޅުމުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މުއްދަތު ހަމަވިއިރު ވޯޓާސް ލިސްޓަށް 746 ޝަކުވާ ވަނީ ހުށައަޅައިފަ އެވެ.

ހުށައަޅާފައިވާ ހުރިހާ ޝަކުވާތަކުގެ ތެރެއިން އެންމެ ގިނައީ ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އެޑްރެސް ބަދަލުވެގެން ހުށައަޅާފައިވާ ޝަކުވާ އެވެ. އެގޮތުން އެޑްރެސް ބަދަލުވެގެން 450 ޝަކުވާ ވަނީ ހުށައަޅާފަ އެވެ. އަދި މަރުވެފައި ތިބި މީހުންގެ ނަން ލިސްޓުގައި އޮވެގެން 225 ޝަކުވާ ހުށައަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެ އެވެ.

މީގެ އިތުރުން ވޯޓުލާ ދާއިރާ ބަދަލުވެގެން 40 ޝަކުވާއެއް ހުށައަޅާފައިވާއިރު، ވޯޓާސް ލިސްޓުގައި ނަން ނެތިގެން ފަސް ޝަކުވާ އަދި އައިޑީކާޑުގެ މައުލޫމާތު ބަދަލުވެގެން އެއް ޝަކުވާ ހުށައަޅާފައިވެ އެވެ.

މި އިންތިހާބުގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހުގެ ނިޔަލަށެވެ.

ކުރިއަށް އޮތް 20 ވަނަ މަޖިލީސް އިންތިހާބުގައި 93 ދާއިރާ ހިމެނޭނެ އެވެ. އީސީ އިން ވަނީ މިހާރު އޮތް 85 ދާއިރާގެ ތެރެއަށް އިތުރު ހަ ދާއިރާ އިތުރުކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ކުރިން ހާމަކަރައްވާފައިވާ ވޯޓާސް ލިސްޓުގައި ވޯޓުލުމުގެ ހައްގު 284،327 މީހުންނަށް ލިބިފައިވެ އެވެ.