މިދިޔަ އަހަރު ނުކުތް ކާމިޔާބު ބޮލީވުޑް ފިލްމު "އެނިމަލް" އޯޓީޓީ ޕްލެޓްފޯމްއެއް ކަމަށްވާ ނެޓްފްލިކްސްއަށް އަންނަން ހަމަޖެހިއްޖެ އެވެ.
އިންޑިއާގައި މިއަދު ފާހަގަކުރާ އެގައުމުގެ ޖުމްހޫރީ ދުވަހާ ގުޅިގެން ނެޓްފްލިކްސް އިންޑިއާގައި އެ ފިލްމު ރިލީޒް ކުރެވޭއިރު ހިންދީގެ އިތުރުން ތަމަޅަ، ތެލުގޫ އަދި ކަންނާޑާ ބަހުން ވެސް އަޑު އަޅާފައިވާނެ އެވެ.
އެނިމަލް އޯޯޓީޓީ ޕްލެޓްފޯމްގައި ރިލީޒް ކުރުމާ ބެހޭ ގޮތުން ރަންބީރު ބުނީ ފިލްމަށް ސިނަމާތަކުގައި ލިބުނު ކާމިޔާބާމެދު ހިތްހަމަޖެހޭ ކަމަށާއި އެހެން ކަމުން އޯޓީޓީގައި ވެސް ބެލުންތެރިންގެ ފަރާތުން އެ ސަޕޯޓު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
ރަންބީރުގެ އިތުރުން ބޮބީ ޑިއޯލްއާއި ރަޝްމިކާ މަންދަނާއާއި އަނިލް ކަޕޫރު އަދި ޓްރިޕްތީ ދިމްރީ މުހިއްމު ރޯލުތަކުން ފެންނަ އެނިމަލްއަށް ވަނީ ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.
މިހާރު އިއުލާން ކޮށްފައިވާ ފިލްމްފެއާ އެވޯޑްސް 2024ގެ ނޮމިނޭޝަންތަކުގެ އެންމެ ކުރީގައި ވެސް ޖުމްލަ 19 ނޮމިނޭޝަންއާއެކު އުޅެނީ ފިލްމު "އެނިމަލް" އެވެ.