އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރަން ތިބި އެ ގައުމުގެ ސިފައިންގެ ބަދަލުގައި މަދަނީ މީހުން ގެންނަން ދެ ގައުމުން އެއްބަސްވެފައިވާ ކަން އެނގިއްޖެ އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި ދެ ގައުމުން އެގޮތަށް އެއްބަސްވެފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީގައި ބޭއްވެވި ބައްދަލުވުމުގައި އެއްބަސްވެވަޑައިގެންނެވި ގޮތަށް އުފައްދާފައިވާ "ހައި ލެވެލް ކޯ ގްރޫޕް" ގެ ދެވަނަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ކުރިއަށް ދިޔައީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގަ އެވެ.

ދިވެހި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހައި ލެވެލް ކޯ ގްރޫޕްގެ ފުރަތަމަ ބައްދަލުވުން ރާއްޖޭގައި ބޭއްވި އިރު، އެ ބައްދަލުވުމުގައި ވެސް މަދަނީ މީހުން ގެނެސްގެން އެ އުޅަނދުތައް އޮޕަރޭޓް ކުރަން މަޝްވަރާ ކުރި ކަމަށެވެ. އަދި އެކަމަށް އެއްބަސްވެފައި ވަނީ ނިއުދިއްލީގައި ބޭއްވި ބައްދަލުވުމުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއުދިއްލީގައި ބޭއްވި ބައްދަލުވުމުގައި ދެ ގައުމުން ވަކިވަކިން ނެރުނު ބަޔާނުގައި އެކަން ފާހަގަކޮށްފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ކުރިން ވިދާޅުވެފައިވާ ގޮތުގައި އުޅަނދުތައް ދުއްވުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބި ނަމަ ރާއްޖެ ދޫކޮށް ދާން ޖެހޭނެ ކަމަށާއި އެކަމަކު މަދަނީ މީހުން އެކަމުގައި ތިބުން އެންމެ ރަނގަޅު ކަން ރާއްޖެ އިން ހާމަކޮށްފައިވާނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ތިން ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ގާއިމްވެ ތިބިއިރު، އޭގެ ތެރެއިން އެއް ސަރަހައްދުގައި ތިބި ސިފައިން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އިން ބޭލުމަށް އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށެވެ. އަދި ބާކީ ދެ ސަރަހައްދުގައި ތިބި ސިފައިން އަންނަ މެއި މަހުގެ 10 ގެ ނިޔަލަށް ފައިބަން އިންޑިއާ އިން އެއްބަސްވެފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން މިގޮތަށް ބަޔާން ނެރުނު ކަމުގައި ވިޔަސް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒްގެ ބަޔާން ތަފާތެވެ. އެ ބަޔާނުގައި ބުނީ މި ބައްދަލުވުމުގައި އިންޑިއާ އިން ދީފައިވާ ޑޯނިއާ މަތިންދާ ބޯޓާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އަންނަ މަހުގެ 15 ގެ ކުރިން ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ކޯ ގުރޫޕްގެ ފުރަތަމަ ބައްދަލުވުމުގައި ހުށަހަޅުއްވައިފައެވެ. އެ ބައްދަލުވުމަށް ފަހު، ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވާ ކަމަށެވެ.

އެކަމަކު، އޭރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ނެރުނު ބަޔާން ވެސް ތަފާތެވެ. އެ ބަޔާނުގައި ބުނީ، އިންސާނީ އެހީތެރިކަމަށާއި މެޑިކަލް ބޭނުންތަކަށް އޮޕަރޭޓްކުރާ އިންޑިއާގެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓުގެ އޮޕަރޭޝަންތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ހައްލެއް ހޯދުމަށް ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރި ކަމަށެވެ.

ސަރުކާރުން ވަނީ އަންނަ މަހުގެ 1 އިން ފެށިގެން އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފް ކުރަަން ނިންމަވައިފައެވެ. އެކަން ކުރަނީ މޯލްޑިވިއަން އެއާލައިންގެ ޑޭޝް 8 ގެ ދެ ބޯޓެއް އެއާ އެމްބިއުލާންސަކަށް ބަދަލު ކޮށްގެންނެވެ. އޭގެ އިތުރުން ރާއްޖެ އާއި ސްރީލަންކާއާ ދެމެދުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ފެށުމަށް ވެސް ވަނީ ނިންމައިފައެވެ. އަދި ބަލި މީހުން އުފުލުމަށް ހެލިކޮޕްޓަރުގެ ހިދުމަތް ތައާރަފު ކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ.