އެމްޑީޕީން ވަކިވި މެމްބަރުންތަކެއް އިސްކޮށް ތިބެ އުފެއްދި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލިހަށް ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފި އެވެ.

ޑިމޮކްރެޓްސްގެ ޕްރައިމަރީ ބާއްވަނީ އެންމެ ދެ ދާއިރާގަ އެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއިރާގަ އެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައި ބެހެއްޓި އިރު، ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައި ވަނީ އެ ޕާޓީގެ ހަރުގޭގަ އެވެ. ވޯޓުލުން ކުރިއަށް ދާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

މަޖިލިހުގެ އިންތިހާބުގައި 93 ދާއިރާ އަށް ވާދަކުރަން ޑިމޮކްރެޓްސް އިން ނިންމި ނަމަވެސް ކެންޑިޑޭޓުން ކުރިމަތިލީ 41 ދާއިރާއަށެވެ. އޭގެ ތެރެއިން 39 ދާއިރާއަކަށް އެއް ކެންޑިޑޭޓުން ކުރިމަތިލާފައިވާތީ އެ ކެންޑިޑޭޓުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓު ވަނީ ކަށަވަރުވެފަ އެވެ.

ޑިމޮކްރެޓްސް އިން ވަނީ ކެންޑިޑޭޓުން ކުރިމަތިނުލާ ދާއިރާތަކަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ދީފަ އެވެ. ނަމަވެސް އެ ދާއިރާތަކުގެ ޕްރައިމަރީއެއް ދެން ނުބާއްވާނެ އެވެ. ޕްރައިމަރީ ބޭއްވުމުގެ ބައްދަލުގައި ޕާޓީން ކަނޑައަޅާ މީހަކަށް ޓިކެޓު ދިނުމަށް ވަނީ ނިންމައިފަ އެވެ.

މަޖިލިހުގެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ގަ އެވެ.