މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެނިގެންދާ ކަމަށް އެޕާޓީގެ ވަގުތީ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްގެންދާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އަމާޒަކީ މަޖިލީހުގެ މެޖޯރިޓީ ނެގުން ކަމަށާއި، އެމަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

މި ޕްރައިމަރީ ނިމުމާއެކު ކެންޕޭން ލޯންޗުކުރާނެ ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެމްޑީޕީން ދަތުރުކޮށް، ކެންޕޭންގެ ހަރަކާތްތައް ވަރަށް ފުޅާކުރާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެންޕޭންކުރާ ބައެއް. މިފަހަރުގެ އިންތިހާބުގަ ވެސް އަޅުގަނޑުމެން އެގޮތަށް އިންތިޒާމްތައް ރާވަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު މިދެންނެވިހެން ކުރިއަށް މިއޮތް 20 ވަނަ ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް ލިބިގެންދާނެ،" ކުރީގެ ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހު މިއަދު ކުރިއަށްދާ އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ... ފޮޓޯ: އެމްޑީޕީ

މީގެ އިތުރުން ރައީސް ސޯލިހު ވިދާޅުވީ ބައެއް ދާއިރާތަކަށް ކުރިމަތިލައްވަން ގަސްތުކުރައްވައިގެން މަސައްކަތްކުރެއްވި ބައެއް ބޭފުޅުންނާ ޕާޓީގެ އިސްވެރިންނާއެކު މަޝްވަރާކޮށްގެން އެއްބަސްވުންތަކަކަށް އާދެވި ބައެއް ކެންޑިޑޭޓުން ފަހަތަށް ޖެހިވަޑައިގަތުމުން އެ ދާއިރާތަކުގައި ޕްރައިމަރީ ބާއްވަންނުޖެހުނު ކަމަށެވެ. އެގޮތުން އެމަޝްވަރާތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް އެއްބަސްވެވުމަކީ ވަރަށް ރަނގަޅު ކާމިޔާބީއެއް ގޮތުގައި ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއަކަށެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރެ އެވެ. މިއަދުގެ ޕްރައިމަރީގައި އެ ޕާޓީގެ 25،325 މެންބަރަކަށް ވޯޓު ލުމުގެ ހައްގު ލިބެ އެވެ.

ޕްރައިމަރީއަކާ ނުލާ އެމްޑީޕީގެ މަޖިލިސް ޓިކެޓް 48 ބޭފުޅަކަށް ވަނީ ކަށަވަރުވެފަ އެވެ.

މަޖިލިސް އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މަހުގެ 17 ގަ އެވެ.