ސާވިކަލް ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މޮޑެލް އަދި އެކްޓްރެސް ޕޫނަމް ޕާންޑޭ މަރުވި ކަމަށް ބުނެ ދޮގު ހަބަރުތަކެއް ފަތުރާފައިވާތީ އިންޑިއާގައި މަސައްކަތްކުރާ އެކްޓަރުންގެ ޖަމާއަތަކުން އޭނާއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށައަޅަން ނިންމައިފި އެވެ.

އޯލް އިންޑިއަން ސައިން ވޯކާސް އެސޯސިއޭޝަންއިން މިދިޔަ ހޮނިހިރު ދުވަހު އެކްސްގައި އާއްމުކުރި ބަޔާނެއްގައި ބުނެފައިވަނީ އެކްޓަރުންގެ ދިރިއުޅުމާ އާއްމުންގެ އިހުސާސްތަކާ ގުޅިފައިވާ ކަމަށާއި އެފަދަ ދޮގު ހަބަރުތައް ފެތުރުމުން ކުރިއަށް އޮތް ތަނުގައި މިފަދަ ހަބަރުތައް ގަބޫލުކުރަން އާއްމުންނަށް ދަތިވާނެ ކަމަށެވެ.

ހަމައެއާއެކު އެ ޖަމިއްޔާގެ ރައީސް ސުރޭޝް ޝްޔާމްލާލް ގުޕްތާ ވަނީ ޕޫނަމްއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށައަޅަން އޭނާގެ ޓީމަށް އަންގާފައިވާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޕޫނަމްގެ ޓީމުން ވަނީ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް އޭނާ މަރުވެފައިވާކަން އާއްމުކޮށް އިއުލާން ކޮށްފަ އެވެ. އެހެން ނަމަވެސް އޭގެ 24 ގަޑިއިރު ފަހުން ހުދު ޕޫނަމް ވަނީ އޭނާގެ ވީޑިއޯއެއް އިންސްޓަގްރާމްގައި އާއްމުކޮށްފަ އެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ އޭނާގެ މަރުގެ ހަބަރު އާއްމުކުރީ އާއްމުންގެ މެދުގައި ސާވިކަލް ކެންސަރާމެދު ހޭލުންތެރިކަން އިތުރު ކުރުމަށް ކަމަށާއި އެކަމުން އެއްވެސް މީހަކަށް ނޭދެވޭ އަސަރެއް ކޮށްފައިވާނަމަ މައާފަށް އެދޭ ކަމަށެވެ.

ޕަބްލިސިޓީ ސްޓަންޓްއެއްގެ ގޮތުގައި މަރު ބޭނުންކޮށް އާއްމުންގެ އިހުސާސްތަކާ ކުޅުމުން ޕޫނަމްއަށް ދާއިރާގެ ފަންނާނުންނާއި އާއްމުންގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.