ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ބޭނުންވާ މީހުންނަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތުގައި އިއްޔެގެ ނިޔަލަށް ފޯމު ހުށަހަޅާފައި ވަނީ ޖުމްލަ 15 މީހުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އެވެ. މި މުއްދަތު އަންނަ ހަފުތާގެ ބުދަ ދުވަހަށް ހަމަވާނެ އެވެ.

އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި މިހާތަނަށް 15 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 14 މީހެއްގެ ފޯމު ބަލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ. އަދި އެއް ބޭފުޅެއްގެ ހުށަހެޅުން ބަލައި ނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ ތެރޭގައި އަމިއްލަ ގޮތުން ވާދަކުރައްވާ 7 ބޭފުޅުންނާއި އެމްޑީއޭގެ ޓިކެޓުގައި ވާދަކުރައްވާ 4 ބޭފުޅުންނާއި ކޮންގްރެސް ޕާޓީގެ ފަރާތުން ވާދަކުރައްވާ 4 ބޭފުޅުން ހިމެނެ އެވެ. ޖުމްލަ 12 ދާއިރާއަކަށް ހުށަހެޅުން ލިބިފައިވާ ކަމަށް ވެސް ހަބީބު ފާހަގަކުރައްވަ އެވެ.

މިހާތަނަށް ފޯމު ހުށަހެޅި ފަރާތްތަކުން ކުރިމަތިލާފައިވާ ދާއިރާތައް:

  • ގަމު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ހިތަދޫ އުތުރު ދާއިރާ
  • މީދޫ ދާއިރާ
  • ވެލިދޫ ދާއިރާ
  • މައްޗަންގޯޅި މެދު ދާއިރާ
  • ކޮލަމާފުށި ދާއިރާ
  • ބާރަށު ދާއިރާ
  • ހޮޅުދޫ ދާއިރާ
  • ކެނދިކުޅުދޫ ދާއިރާ
  • ހުޅުމާލެ އުތުރު ދާއިރާ
  • މާފަންނު މެދު ދާއިރާ

ހަބީބު ވަނީ މި އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފަހުވަގުތަށް މަޑުނުކޮށް ވީހާވެސް އަވަހަށް ފޯމު ހުށަހެޅުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން، ފަހު ވަގުތު ފޯމު ހުށަހެޅުމުން ފޯމުގައި ދިމާވާ މައްސަލައެއް ހައްލު ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބިދާނެ ކަމަށް އޭނާ ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އިލެކްޝަންސުން ވަނީ މަޖިލިސް އިންތިޚާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ކުރުމުގެ ގޮތުން ހުށަހަޅަން ޖެހޭ ފޯމުތައް މިދިޔަ މަހުގެ ތެރޭގައި އާންމުކޮށްފަ އެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ރެކޯޑުތައް ބަލައިގަންނަ ގޮތަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް އިން ހުޅުވާލާފައި ވަނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް އިން ވަނީ ނިންމަވާފަ އެވެ. ނަމަވެސް އިންތިޚާބުތަކާ ބެހޭ އާއްމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މަޖިލީހުން ފާސްވެ، އެއަށް އަމަލުކުރަން ފަށައިފިނަމަ އެ ތާރީހު ރަމަޟާން މަހަށް ފަހުގެ ތާރީހަކަށް ބަދަލުވާނެ އެވެ.

އިންތިޚާބު ބާއްވާ ތާރީހަށް ބަދަލު އައި ނަމަވެސް ކެންޑިޑޭޓުން ކުރިމަތިލުމަށް ހުޅުވާލި މުއްދަތަށް ބަދަލު ނާންނާނެ ކަމަށާއި ރަމަޟާން މަހުގެ ކުރިން، ވޯޓުލުން ފިޔަވައި އިންތިޚާބާ ގުޅުންހުރި ހުރިހާ ކަމެއް ނިންމާނެ ކަމަށް އިލެކްޝަންސް އިން ވަނީ ވިދާޅުވެފަ އެވެ.