ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު ފަސްކުރި ނަމަވެސް، އިންތިޚާބަށް ކުރިމަތިލުމަށް މިހާރު ދީފައިވާ މުއްދަތު އިތުރު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން މިހާރު ނިންމާފައި އޮތީ މާޗު މަހުގެ 17ވަނަ ދުވަހު އެވެ. ނަމަވެސް އިންތިޚާބު ފަސްކުރުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި، ރަމަޟާން މަހުގެ ފަހަށް އިންތިހާބު ބާއްވާ ތާރީހު ފަސްކުރުމަށް ކޮމިޓީ މަރުހަލާގައި ވަނީ ފާސްކޮށް އެވެ. ނަމަވެސް އެ ތާރީޚު ބަދަލުކުރެވޭނީ މުޅި މަޖިލީހުގައި ބަހުސްކޮށް، ވޯޓުން ފާސްވުމުންނެވެ.
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖެނުއަރީ 30ވަނަ ދުވަހު އެވެ. މި މުއްދަތު އަންނަ ބުދަ ދުވަހުގެ 2:00އަށް ހަމަވާނެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނަޢިބު ރައީސް އިސްމާއިލް ޙަބީބު ވިދާޅުވީ މިހާތަނަށް އިންތިޚާބަށް ކުރިމަތިލުމަށް ފޯމު ހުށައަޅާފައި ވަނީ ޖުމްލަ 18 މީހުން ކަމަށެވެ.
އިންތިޚާބަށް ހުލުވާލުމަށް ފޯމު ހުށައެޅުމުގެ ކަންކަން ވީހާވެސް އަވަހަށް ކުރިއަށްގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ހަބީބު ވިދާޅުވީ އެންމެ ފަހު ވަގުތުގައި ފޯމު ހުށަހަޅަން މަޑުކޮށްފިނަމަ، ފޯމުގެ މައްސަލައެއް ދިމާވެގެން ފޯމު އިސްލާހު ކުރަން ޖެހިއްޖެ ހިނދެއްގައި އެ ފުރުސަތު ނުލިބިދާނެ ކަމަށެވެ.
އިންތިޚާބަށް ފޯމު ހުށަހެޅުމަށް ކޮމިޝަނުން އިއުލާންކުރިތާ މިހާރު 12 ދުވަސްވެއްޖެ އެވެ. ބާކީ ދެން އޮތީ 4 ދުވަހެވެ.
ހަބީބު ވިދާޅުވީ އިންތިޚާބުގެ ތާރީޚަށް ބަދަލެއް އައިނަމަވެސް، ފޯމު ހުށަހެޅުމަށް މިހާރު އިލެކްޝަން ކޮމިޝަނުން ދީފައިވާ މުއްދަތު އިތުރުނުކުރުނާނެ ކަމަށެވެ.
އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ފޯމު ހުށައެޅޭނީ ދާއިރާއިން ކެންޑިޑޭޓަށް ތާއީދުކުރާ 50 މީހުންގެ ސޮއާއެކު އެވެ. އިންތިޚާބަށް ވާދަކުރާ ހުރިހާ ކެންޑިޑޭޓުން ކުށާއި ދަރަނީގެ ރެކޯޑާއި އަދި އިންތިޚާބަށް ޚާއްސަކޮށް ހުޅުވާ އެކައުންޓްގެ ތަފްސީލް ފޯމާއެކު ހުށައަޅަން ޖެހޭނެ އެވެ.
އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށައެޅޭނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުފަހު 2:00އަށް، އިންތިޚާބާ ބެހޭ މަރުކަޒު ދަރުބާރުގެ އަށެވެ. އީސީން ލަފާކުރާގޮތުގައި މިފަހަރުގެ އިންތިޚާބުގައި ވާދަކުރުމަށް 400-600 މީހުން ފޯމު ހުށައަޅާނެ އެވެ.