ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ލިސްޓް ދިރާސާކޮށް އުސޫލާއެއްގޮތަށް ފްލެޓް ލިބިފައިވާ މީހުންގެ ލިސްޓެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީއަށް ފޮނުވައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އޭސީސީން ކުރި ތަހުގީގަށް ފަހު، ޝަރުތު ހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަނުވާ ފޯމުތަކުގެ ލިސްޓެއް އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އިންތިޒާމުތައް މިނިސްޓްރީން ކުރަމުން އަންނަ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.

ކުރީގެ ސަރުކާރުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިންގި "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން އިމާރާތްކުރާ ފްލެޓްތައް. ފޮޓޯ: އެފްޑީސީ

އެ ސްކީމްގެ ދަށުން ޝަރުތު ހަމަވާ މީހުންނަށް ވީއެންމެ އަވަހަކަށް ފްލެޓްތައް ހަވާލުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.

މިހާތަނަށް ކުރެވުނު ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދެމުން އޭސީސީން ބުނީ ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓްގެ 60 ޕަސެންޓް މީހުން ޝަރުތުހަމަނުވާ ކަމަށެވެ.

އެކި ސަބަބުތަކާ ހެދި ފްލެޓް ލިބުން ލަސްވާތީ ފްލެޓްތަކުގެ ހައްގުވެރިން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.