ކޮވިޑްގެ ދެ ކޭސް ފެނުމާއެކު ފުވައްމުލަކުގައި ފިޔަވަޅުތައް ވަރުގަދަކޮށްފި އެވެ.

އެޗްޕީއޭ އިން މިރޭ ވަނީ ފުވައްމުލައް މޮނިޓަރިންގެ ހާލަތަށް ގެނެސް އެރަށަށް އަރައި ފޭބުން މަނާކޮށްފަ އެވެ.

މިކަމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ވަނީ އެރަށުގައި ބަލި އިތުރަށް ފެތުރިގެން ދިޔުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

އެގޮތުން ޒަރޫރީ ބޭނުމެއް ނެތި އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުމާއި ގެއިން ބޭރަށް ނުކުތުން ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކާއި ޓިއުޝަން ކުލާސްތަކާއި ގުރުއާން ކްލާސްތައް އަދި އެހެނިހެން ގޮތް ގޮތުން ހިންގާ ހުރިހާ ކްލާސްތައް ބަންދުކޮށް، އޮންލައިންކޮށް ކަލްސާތައް ކުރިއަށް ގެންދިޔުމަށް ވަނީ އަންގާފަ އެވެ.

ކެފޭ ތަކާއި ރެސްޓޯރެންޓް ތަކާއި ގާޑިޔާޔާތަކުން ޓެކްއަވޭ އާއި ޑެލިވަރީ ފިޔަވައި އާންމުންނަށް ހުޅުވާލައިގެން ދެމުން އައި އެހެން ހިދުމަތްތައް ދިނުން ހުއްޓާލުމަށާއި އޮފީސްތައް ބަންދުކުރުމަށްވެސް ވަނީ އަންގާފަ އެވެ.

އަޅާފައިވާ އިތުރު ފިޔަވަޅުތައް:

  • ފިހާރަތަކަށް މީހުން ވެއްދުމަށް އެޗްޕީއޭއިން ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނައިން މީހުން ފިހާރަތަކަށް ނުވެއްދުން.
  • އާންމު މައިދާންތަކާއި ޕާކްތައް ބަންދުކުރުން.
  • ސެލޫން، ބޯކޮށާ ތަންތަން އަދި ޖިމްތައް ބަންދުކުރުން.
  • ހުރިހާ ކުޅިވަރު ހަރަކާތްތައް މަނާކުރުން.
  • ޕާޓީތަކާއި ހަފްތާލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން މަނާކުރުން.
  • ޓެކްސީ ހިދުމަތް ފޯރުކޮށްދިނުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލުކުރުން.

ފުވައްމުލަކު ހޮސްޕިޓަލުން ބުނީ މިދިޔަ އާދިއްތަ ދުވަހު އެ ރަށުން ނެގި 150 ރެންޑަމް ސާމްޕަލްގެ ތެރެއިން 148 ސާމްޕަލް ނެގެޓިވްފައިވާކަން އަންގާފައިވާ ކަމަށެވެ. އަދި ދެ ސާމްޕަލް ޕޮޒިޓިވްވުމުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.