ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ނިންމި މައްސަލައިގައި އަލުން ވިސްނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.

އެ ގަރާރު މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ނައިބު ރައީސް، އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި އެމަނިކުފާނުގެ ކެބިނެޓަށް 22 ވަޒީރުން އައްޔަން ކުރެއްވީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ރެ އެވެ. އަދި އެ މަހު އެމަނިކުފާނު ވަނީ ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލިހަށް ފޮނުވައިފަ އެވެ.

އެކަމަކު، މަޖިލިހުން ވަނީ މިދިޔަ މަހުގެ 29 ގައި ތިން ވަޒީރުން ފިޔަވައި ދެ ތިން ތިއްބެވި ވަޒީރުންނަށް ރުހުން ދިނުމަށް ނިންމައިފަ އެވެ. ރުހުން ނުލިބުނު ތިން ވަޒީރުންނަކީ ބަންޑާރަ ނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

އީވާގެ ގަރާރުގައި ބުނެފައި ވަނީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަ ކަމަށް މަޖިލިހުން ނިންމާފައި ވަނިކޮށް އެ ތިން ވަޒީރުން ވެސް މަގާމުތަކަށް އައްޔަން ކުރެއްވުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ބާރު ކަނޑުވާލައި ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލިހަށް ދީފައިވާ ބާރު ނިގުޅައިގެންދާ ފަދަ އަމަލެއް ކަމަށެވެ.

މިއީ ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލިހަށް މަތިކޮށްފައިވާ ޒިންމާ އާއި ޑިމޮކްރެޓިކް ހަމަތަކާއި ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ނިންމުމެއް ކަމަށް ވެސް އީވާގެ ގަރާރުގައިވެ އެވެ.

އެ ގަރާރުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލިހުން ރުހުން ހޯދުމަކީ ގާނޫނުއަސާސީގެ 129 ވަނަ މާއްދާ އިން ލާޒިމް ކުރާ ކަމެއް ކަމަށާއި މަޖިލިހުން ރުހުން ނުލިބޭ ހާލަތެއްގައި ވަޒީރުންގެ މަޖިލިހުގެ މެމްބަރެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ އެއްވެސް މެމްބަރަކަށް ވަޒީރުންގެ މަޖިލިހުގެ މެމްބަރު ކަމުގެ މަގާމުގައި ދެމިތިބެވޭނެ ތަނެއް ނެތް ކަމަށް ޑިސެންބަރު 9، 2010 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމުންއެނގެން އޮންނަ ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނު ގައި މަޖިލީހުން ރުހުން ނުދީފިނަމަ އެ މީހަކު އެ މަގާމަށް ދެން އައްޔަނު ނުކުރެވޭނެ ކަމާއި އައްޔަނު ކޮށްފައިވާނަމަ ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ އެކު އެ މީހަކު އެމަގާމުން ވަކިވީ ކަން އީވާގެ ގަރާރުގައިވެ އެވެ.

ތިން ވަޒީރަކު އަލުން މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފަށާފައިވާއިރު އެއީ ގާނޫނީ ބާރުވެރިކަމަށް ކަނޑައެޅިގެން ގޮންޖައްސަވާ ގާނޫނު އަސާސީއާ ހިލާފު ނިންމުމެއް ކަމަށް ވެސް އީވާގެ ގަރާރުގައިވެ އެވެ.

މިއީ ދިވެހި ދައުލަތާއި ދިވެހި ސަރުކާރަށް ކުރާ އިތުބާރު ނެތިގެންދާނެ ފަދަ އުނދަގޫ ހާލަތަކަށް ހިނގައިދާނެ ކަމެއް ކަމުން ގައުމުގެ މަސްލަަހަތު އިސްކޮށް އެކަންކަމާ މެދު އަލުން ވިސްނާ ވަޑައިގެން ގާނޫނު އަސާސީއަށް އިހްތިރާމްކޮށް ގާނޫނު އަސާސީއާ އެއްގޮތަށް އަމަލު ކުރެއްވުމަށް އީވާގެ ގަރާރުގައިވެ އެވެ.