އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތު ނެގުން މާދަމާ ބޭއްވުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ ގުރުއަތު ނެގުން އޮންނާނީ އިންތިހާބާ ބެހޭ މަރުކަޒު ކަމަށްވާ ދަރުބާރުގޭގައި ކަމަށެވެ. އެގޮތުން 93 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް ވަކި ހާއްސަ ގަޑިއެއް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ. އޭގެ ތަފްސީލްތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.

އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް އީސީން އެދެ އެވެ.

" ކެންޑިޑޭޓަށް ހާޒިރުވެވެން ނެތް ނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ވަޑައިގެންދެއްވުން އެދެމެވެ. ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޒިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުންނެވެ." އިލެކްޝަންސް ކޮމިޝަންގެ އިއުލާންގައިވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމަށް 381 މީހުން ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ. އިލެކްޝަންސް ކޮމިޝަނުން މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިއްޔެ މެންދުރު ފަހު 2:00 އާ ހަމައަށެވެ.

20 ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބުކުރާނެ އެވެ.

މި ފަހަރު އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނާއި އިިދިކޮޅު އެމްޑީޕީންނެވެ. ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ސަރުކާރު ކޯލިޝަނުން ކެންޑިޑޭޓުން ނެރޭއިރު، އެމްޑީޕީން ވެސް ވަނީ ހަތަރު ދާއިރާއަކަށް ވާދަނުކުރާން ނިންމައިފަ އެވެ.

މީގެ އިތުރުން އެމްޑީއޭ އާއި އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސް އިންވެސް މި އިންތިހާބުގައި އެކި ދާއިރާތަކަށް ވާދަކުރެ އެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ތާއީދާ އެކުގައި އަމިއްލަ ގޮތުން ވެސް ބޭފުޅުން މަޖިލިހަށް ކުރިމަތިލައްވަ އެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ އަންނަ މަހު 17 ވަނަ ދުވަހު އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމުން އެ ތާރީހު ބަދަލުވާނެ އެވެ. އެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންތިޚާބެއް ރަމަޟާން މަހާ ދިމާވާނަމަ އެ އިންތިހާބެއް ބޭއްވޭނީ ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުންނެވެ.