ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ރައީސުލްޖުމްހޫރިއްޔާ އަޒުލު ކުރުމުގެ މަރުހަލާތައް ބަޔާން ކުރާ މާއްދާތައް ބަދަލު ކުރުމުން، ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ޝަރީއަތް އަވަސްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގެ އަޑު އެހުން ބާއްވަން ކުރިން ނިންމާފައި ވަނީ އަންނަ އާދިއްތަ ދުވަހު އެވެ. އެކަމަކު، މިހާރު އެ ކޯޓުން ނިންމާފައި ވަނީ އަންނަ އަންގާރަ ދުވަހު ހެނދުނު 10:00 ގައި އެ މައްސަލަ ކުރިއަށް ގެންދިއުމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ޖެނުއަރީ 28، ގަ އެވެ. އެ މައްސަލަ އެ ކޯޓުގައި ކުރިއަށް ގެންދަން ނިންމައި މައްސަލަ ރަޖިސްޓްރީ ކުރީ މި ފެބްރުއަރީ 5، ގަ އެވެ. އަދި ކޯޓުން ގޮތެއް ނިންމަން ދެން ގަވާއިދަށް ގެނައި ބަދަލަށް އަމަލުކުރުން މަޑުޖައްސާލަން މިދިޔަ ބުރާސްފަތި ދުވަހު އެންގި އެވެ.
ރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ކޯޓު، ސުޕްރީމް ކޯޓުން މި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ވަގުތީ އަމުރެއް ނެރުނު ނަމަވެސް މަޖިލީހުގެ މެންބަރުންގެ ވޯޓަކުން ނިންމީ އެ އަމުރަށް އަމަލު ނުކުރުމަށެވެ.
މަޖިލިސް މެންބަރުންގެ އަދަދު ގުނާ ގޮތަށް ބަދަލު ގެންނަން މަޖިލީހުން ފާސްކޮށްފައިވާ ގޮތް ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮއްވައި، އެ މާއްދާތައް ގަވާއިދުން ނަގައި، ބަދަލުތަކަކާއެކު އެ ވާހަކަތައް އެހެން މާއްދާއެއްގައި ހިމަނަން އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުގެ އާންމު ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
އެމްޑީޕީގެ އަގުލަބިއްޔަތު އޮންނަ މަޖިލީހުގެ އާންމު ކޮމެޓީން ބުރާސްފަތި ދުވަހު ނިންމި އިރު ސުޕްރީމް ކޯޓަށް ބާތިލުކުރުމަށް އެދި ހުށަހަޅާފައިވާ މާއްދާތައް އުނިކޮށްފައިވެ އެވެ. އެ މާއްދާތައް އުނިކުރުމަށްފަހު، އެ މާއްދާތަކުގައި ހިމެނޭ ވާހަކަތަކަށް ބައެއް ބަދަލުތައް ގެނައުމަށް ފަހު އާ މާއްދާއެއް ވަނީ މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފަ އެވެ.
އަލަށް އިތުރުކުރި މާއްދާގައި ބުނަނީ މަޖިލީހުގެ ގޮނޑިތަކެއް ހުސްވެފައިވާ ހާލަތުގައި، ގޮނޑިތައް ހުސްވި ތާރީހާއި އާންމު އިންތިހާބަކާ ދެމެދުގައި ހަ މަސްދުވަހުގެ މުހުލަތެއް ނެތްނަމަ، އެ ގޮނޑިތައް ނުހިމަނައި މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދު ގުނޭނެ ކަމަށެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުންނަމަ މަޖިލީހުގެ ގޮނޑިއެއް ހުސްވެގެން އަލުން އެ ގޮނޑިއަށް މެންބަރަކު އިންތިހާބުކުރުމަށް ބައި-އިލެކްޝަނެއް ބޭއްވޭނީ ގޮނޑި ހުސްވި ތާރީހުން ފެށިގެން އާންމު އިންތިހާބަކާ ދެމެދުގައި ހަ މަސްދުވަހުގެ މުއްދަތެއް ނެތްނަމަ އެވެ.