ކޮވިޑަށް ޕޮޒިޓިވްވިތާ ތިންވަނައަށް ވީ ދުވަހު އެމެރިކާއަށް ނިސްބަތްވާ އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކު ނިދާފައި އޮއްވާ މަރުވެއްޖެ އެވެ.

"ޓުޑޭ" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މެކެންޒީ ގޮންގޯރާ ނަމަކަށް ކިޔާ މި ކުއްޖާ ވަނީ ޖެނުއަރީ 29 ވަނަ ދުވަހު ސްކޫލް ނިންމާލުމަށްފަހު އައިސް، ބޮލާއި ބަނޑުގައި ރިއްސާތީ އެ ޝަކުވާކޮށްފަ އެވެ. އޭރު ކުއްޖާ ހުރީ ހުން ވެސް އައިސްފަ އެވެ.

މެކެންޒީގެ ބޮޑުދައިތަ، ވިކްޓޯރިއާ ސައުތްވޯތް ބުނީ ބްރޫކް އާމީ މެޑިކަލް ސެންޓާއަށް މެކެންޒީ ގޮވައިގެން އޭނާގެ މަންމަ ދިޔައީ ސްޓްރެޕް ތްރޯޓް، ކޮރޯނާވައިރަސް އަދި ފްލޫއަށް ޓެސްޓް ކުރުމަށެވެ.

ސްޓްރެޕާއި ފްލޫ ޓެސްޓް ނެގެޓިވްވީ ނަމަވެސް މެކެންޒީ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

މެކެންޒީގެ ބޮޑުދައިތަ ބުނިގޮތުގައި އޭނާގެ ކިބައިން ބަލީގެ މާބޮޑު އަލާމާތެއް ވެސް ނުފެނެ އެވެ. އަދި އެއީ ފުއްޕާމޭގެ މައްސަލަ ނުވަތަ އިތުރު ބޮޑު ސިއްހީ ހާލަތެއް ދިމާވެފައިވާ ކުއްޖެއް ނޫނެވެ.

"ޑޮކްޓަރުން އަހަރެންގެ ދައްތަ ކައިރީ ބުނީ ދަރިފުޅު ގޮވައިގެން ގެއަށް ދާން. އެއީ ކުއްޖާއަށްވެސް ފަސޭހަވާނެތީވެ. ދެން ބުނީ ގަވާއިދުން ހުން ބަލަން،" ކުއްޖާގެ އެހެން ބޮޑުދައިތައެއް ކަމަށްވާ އެރިކާ ގޮންގޯރާ ބުންޏެވެ.

ހޮސްޕިޓަލުން ބުނީ ބަލީގެ ސީރިއަސް އަލާމާތެއް ފެނުމުން ހޮސްޕިޓަލަށް ގެނައުމަށެވެ. އެރޭ ވެސް މެކެންޒީގެ ކިބައިން ނޭވާލާން އުނދަގޫވެ، އެކަހަލަ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށް އާއިލާއިން ބުނެ އެވެ. އެހެން ނަމަވެސް މެކެންޒީ ނިދަން އޮށޯތީ ވަރަށް ވަރުބަލިވެއްޖެ އޭ ބުނެފަ އެވެ.

"އެރޭ ފަހުން ދައްތަ ބެލި އިރު މެކެންޒީ ނޭވާ ނުލާ. އެވަގުތު އެނގުނީ ވިންދެއްވެސް ނެތް ކަން،" އެރިކާ ބުންޏެވެ.

މެކެންޒީގެ އާއިލާއިން ބުނާގޮތުން އޭނާގެ ސީރިއަސް ސިއްހީ ހާލަތެއް މެދުވެރިވެފައި ނުވެ އެވެ. އެހެން ނަމަވެސް މެކެންޒީ ހުންނަކީ އެ އުމުރުގެ އެހެން ކުދިންނާ އަޅާ ބަލާއިރު ތަންކޮޅެއް ކުޑަކޮށެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ އިތުރު ތަހުލީލުތައް ކޮށް، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކާ ޓެކްސަސްގެ ލެބަކަށް ފޮނުވާފަ އެވެ.