"ތިޔަ ބުނާ ރޫހީ އުފާތައް ސިފަމަށަށް ކޮށްދޭނުހޭ،" މިހެން ކިޔަން އިންނާކަށް އޭނާ ބޭނުމެއް ނުވެ އެވެ. މީހުންނަށް ސަލާން ޖަހައިގެން ދިރިއުޅޭކަށް ވެސް ބޭނުމެއް ނުވެ އެވެ. އޭނާ ބޭނުން ވަނީ އެހެން މީހުންނާ އެއްވަރަށް މިނެކިރުމަށެވެ. ތައުލީމީ، ގާބިލް، ފުދުންތެރި މީހަކަށް ވުމަށެވެ. އިންސާނަކަށް ވީތީ، ދިވެހި ފަރުދަކަށް ވީތީ، ގައުމުގައި ހިނގާ ކަންކަމުގައި ބައިވެރިވެ، ބަސްބުނުމުގެ ހައްގުން ވެސް މަހްރޫމް ނުކުރުމަށެވެ. އެހައްގު ހޯދުމަށް ފާތުން އެދަނީ، ގަދަ ހިތްވަރާއެކު މަސައްކަތްކޮށް އެކަން ކާމިޔާބު ވެސް ކުރަމުންނެވެ.
ފާތުމަތު އިބްރާހިމް، ނުވަތަ އާންމު ނަމުން ނަމަ ފާތުންނަކީ ޅ. އަތޮޅު ހިންނަވަރު، ކާނިމާގެ އިބްރާހިމް އަލީ އާއި އެރަށު ތަނޑިރަތްމާގެ ސަންފާ އާދަމްގެ ތިބި 8 ކުދިންގެ ތެރެއިން 6 ވަނަ ދަރިފުޅެވެ. އެމްޓީޑީސީގެ ކަސްޓަމާސް ރިލޭޝަންސް އޮފިސަރުގެ މަގާމު ވަރަށް ޒިންމާދާރު ކަމާއެކު އަދާކުރަމުން އަންނަ ފާތުންނަކީ، އުފެދުމުގައި ފެނުމުގެ ނުކުޅެދުންތެރި ކަމެއް ހުރި އަދި ބޮޑުވަމުން ދިޔަވަރަކަށް ލޮލުގެ ފެނުން ނެތެމުން ދިޔަކަން ވަރަށް މޮޅިވެރިކަމާއެކު ކިޔައިދެމުން ބުނީ ހަތް އަހަރުގައި ކޮންމެވެސް ވަރަކަށް ލޮލަށް ފެނުނު ކަމަށެވެ.
"ދުވާލުގަޑީގަ މަގުމަތީގަ ހުންނަ ބޮޑެތި އެއްޗެހިން ނެއްޓިގެން އެކަނި ހިނގާ އުޅުނިން. ބަށިކުޅޭ އިރު މަތިން އަންނަ ބަށި ބޯޅަ އެއްޗެހި ހިފާ ވެސް ހަދަން. ބައިސްކަލު ދުއްވާވެސް އުޅުނިން،" އޭނާގެ ކުޑައިރުގެ ހަނދާންތައް އާކުރަމުން ބުންޏެވެ.
ފާތުން ބުނާގޮތުގައި ލޮލުގެ ފެނުން އެހާ އަވަހަށް ގެއްލެން މެދުވެރިވީ، ގްރޭޑް ތިނެއްގަ ކިޔަވަމުން ދިޔަދުވަސްވަރު ލޮލަށް ފަންސޫރެއް ހެރި، ހިނގި ހާދިސާއަކަށްފަހު އެވެ.
"އެހާދިސާގަ އަޅުގަޑުގެ ކަނާތު ލޮލަށް ވަރަށް ބޮޑަށް ގެއްލުންވި. ދެން މަޑުމަޑުން ދެލޮލަށް ވެސް އެކަމުގެ އަސަރު ކުރަމުން ގޮސް 2018 ހިސާބުގަ އެއްކޮށް އަދިރިވި..." ވަރަށް އަސަރާއެކު ފާތުން ކިޔައިދިނެވެ.
އެންމެ ބޮޑު ގޮންޖެހުން
ޅ. އަތޮޅު ތައުލީމީ މަރުކަޒުގައި 1999 ވަނަ އަހަރު ފާތުން މަދަރުސީ ހަޔާތްފެށި އިރަކީ "އިންކްލޫސިވް އެޑިއުކޭޝަން" ތައާރަފްވެފައިވާ ނުވާ ދުވަސްވަރެކެވެ. އެކަމާ ހުރެ، ކިޔެވުމުގައި ވަރަށް ބައިވަރު ގޮންޖެހުންތަކާ ދިމާވި އެވެ.
"އެއްވެސް މަގެއް ނެތް ކަށިކުބުރު ބިޔަ ޖަންގައްޔެއްގެ ތެރެއިން މަގެއް ކޮށާލާގެން ލޭ އޮހޮރުވައިގެން ނިކުތް ކަހަލަ ކަމެއް ގޮތުގައި ސްކޫލް ލައިފް ސިފަކުރެވެނީ. އަޅުގަނޑުގެ ލޯފަން ދައްތަގެ މަދަރުސީ ދައުރު ގަރޭޑް ހަތަކުން ނިންމާލުމުން އަޅުގަނޑަށް އެނގުނީ ލޯފަން ކުދިންނަށް ކިޔެވެނީ ގްރޭޑް ހަތަކާ ހަމައަށް ކަން.. އަޅުގަނޑު ކައިރީގަ ބައެއް ޓީޗަރުން ބުނުއްވި އަށަކަށް ނުދެވޭނެޔޭ... ނަމަވެސް ހަތެއްގެ ނަތީޖާ ވަރަށް ރަގަޅު ކޮށްލީމަ އަށަކަށް ދެވުނު،" ކިޔެވުމުގެ ހަނދާންތައް އާކުރަމުން ފާތުން ބުންޏެވެ.
އިތުރަށް ކިޔެވުމުގެ ފުރުސަތުލިބުމުން، އާއިލާއާ ބައެއް ގާތް ރައްޓެހިންގެ އެއްބާރުލުމާއެކު އޯލެވެލްއަށް ތައްޔާރުވީ ގޮތް ފާތުން މިހާރު ވެސް ހަނދާން އެބަހުއްޓެވެ.
"ކިޔެވީ މަންމަގެ އަޑުދަށުން، ދައްތަމެން އަދި ކޮއްކޮމެން ކިޔައިދިނީމަ އަޑު އަހައިގެން. މެންދަމު އެކެއްޖަހާއިރުއޭ ފާތުން ކިޔަވާނީ ނުވަތަ ދޭއް ޖަހާއިރު އޭ ފާތުން ކިޔަވާނީ، މިހެން ބުނެފިއްޔާ ފާތުންގެ ތިއްތަ އެ ގަޑިއަކަށް ހޭލައިގެން ފިލާވަޅު ދަސްކޮށްދޭ. ކަލްކިއުލޭޓަރުގެ ހުރިހާ ބަޓްންތަކެއް ވެސް ހިތުދަސްވާނެ ފާތުން.. އަލްޙަމްދުﷲ އެއްފަހަރު ކިޔައިދޭ އެއްޗެއް އިންނާނީ އަޅުގަނޑުގެ ސިސްޓަމަށް އެޑްވެފައި...އެއްފަހަރު އަޑުއަހައިލެވުނަސް ފިލާވަޅުދަސްވޭ..." އޭނާ ބުންޏެވެ.
ފާތުންނަކީ ރާއްޖޭގައި ޖީސީއީ އޯލެވެލް ހެދި ފުރަތަމަ ލޯފަން ދަރިވަރު
ވަޒީފާގެ ކުރިއެރުމާ މުސާރައިގެ ކުރިއެރުން ލިބެނީ އެމީހެއްގެ އަތުގައި އޮންނަ ސެޓްފިކެޓެއްގެ މައްޗަށް ބިނާކޮށް ކަމުގައި ވާއިރު، ކިޔެވުމުގެ މަގު ހަނިކޮށްފައި ދުނިޔެ ގަބޫލުކުރާ ޔުނިވާސިޓީއެއްގެ ސެޓްފިކެޓް ނެތްކަމުގައި ބުނެ ވަޒީފާއާއި މުސާރައިގެ ކުރިއެރުން ނުދިނުމަކީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ވެވޭ ބޭއިންސާފެކެވެ. އަނިޔާއެކެވެ.
ރާއްޖޭގެ ތާރީޚްގައި ވެސް އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ހެދި ލޮލުގެ ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކީ ފާތުންނެވެ. އެކަން މިއަދު ވަރަށް ފަޚުރުވެރި ކަމާއެކު ފާތުން ފާހަގަކުރެ އެވެ.
"2009 ގައި އޯލެވެލް ހެދީ.... އަޅުގަޑަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް އަޅުގަޑު ގަބޫލު ކުރަނީ.....އެއީ އެކަންނުވާނެޔޭ ބުނެފައި އޮއްވައި، އެކަން ކާމިޔާބު ކުރެވުނީތީ،" އޭނާ ބުންޏެވެ.
ފާތުންގެ މަންމަ ކިޔައިދިން ގޮތުގައި ފާތުންނަކީ މަޑުމޮޅި މިޒާޖެއްގެ ކުއްޖެކެވެ. ނަމަވެސް މީހަކު ކަމެއް ނުކުރެވޭނެ ކަމަށް ބުނެފިނަމަ އެކަން ކުރަން ގަދައަޅާ މަސައްކަތް ކުރާކުއްޖެކެވެ.
ގްރޭޑް 10އާ ހަމައަށް ކުރި ދިގު ދަތުރުގައި، އިމްތިހާންގައި ލިޔެދެއްވާ ޓީޗަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނުކަން ފާތުން ފާހަގަކުރެ އެވެ.
"ޖީސީއީ ނެހެދޭނޭ ބުނީމަ ވަރަށް މާޔޫސް ވެފައި ހުއްޓާ، އާއިލާއާއި ގާތް ރައްޓެހިންގެ އެހީތެރި ކަމާއެކު ކިޔެވުން ފުރިހަމަ ކުރެވުނު.. ގްރޭޑް ދިހައެއްގައި އަށް މާއްދާ ކިޔެވިން. އެއީ މަޖުބޫރު ހަތަރު މާއްދާއާއި އެކު އެކައުންޓް، އިކޮނޮމިކްސް، ކޮމާސް، ފިޝަރީސް ސައިންސް... ޓެސްޓް ހަދަން ރައިޓާ އެއް ބޭނުންކުރަނީ... އެބޭފުޅުންގެ އަތް ވާޅުވާނެ އަޅުގަޑު ޓެސްޓް ހަދާނިމޭއިރު... ދެރަވެސް ވޭ އެކަމަކުވެސް ކީއްތޯ ކުރާނީ އަޅުގަނޑަށް ފެންނަނަމަ އަޅުގަޑު ލިޔުނީސް. ނަމަވެސް ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ހުރިހާ ކުދިންނަކީ ވެސް މުޖްތަމައުގަ ބޭނުންހިފޭނެ ކުދިންކަން ސާބިތުކޮށްދޭން ބޭނުންވޭ.." އޭނާ ބުންޏެވެ.
ފާތުންނަކީ ހީވާގި ހިންގުންތެރިއެއް
ސަރުކާރުން 2019 ގައި ރިވެލި އެވޯޑް އަދި 2020 ގައި ރެހެންދި އެވޯޑް ވެސް ދެއްވާފައިވާ ފާތުންނަކީ ބްލައިންޑް އެސޯސިއޭޝަންގެ މެމްބަރެކެވެ. މަދަނީ 7 ޖަމިއްޔާއެއްގަ ފާތުން އެހީތެރިވެދެ އެވެ.
ދިވެހި ރެޑްކްރެސެންޓްގެ ޓްރެއިނިން ހަދާފައިވާ ވޮލަންޓިއަރެކެވެ. އަދި ދިވެހި ރެޑްކަރެސެންޓްގެ ގަވަނިން ނޯތް ރީޖަންގެ ބޯޑު މެމްބަރެއްގެ އިތުރުން ފާތުންނަކީ ޑިސްއެބިލިޓީ ކައުންސިލްގެ 3 ވަނަ ދައުރުގެ ޑިސްއެބިލިޓީ ރެޕްރިސެންޓޭޓިވް އެވެ. 2014 ގައި މާލޭގަ ހިނގި ފެނުގެ ހާދިސާއާއި 2019 ގައި ހިނގި ބޮޑު އަލިފާނު ހާދިސާގެ އިތުރުން 2020 ގައި މާލޭގަ ހިނގި ފެންބޮޑުވުމުގެ ހާދިސާގައި ވެސް ފާތުންވަނީ އަމަލީގޮތުން ހަރަކާތްތެރި ވެފަ އެވެ.
ހުސްވަގުތު ހޭދަކުރާގޮތް
މޯލްޑިވިއަން ރެޑް ކްރެސެންޓްގެ ބެސްޓް ވޮލަންޓިއާކަން 2014 އަދި 2015 ގައި ލިބިފައިވާ ފާތުން ހުސް ވަގުތު ދަރުމަޔަށް މަސައްކަތް ކޮށްދެ އެވެ. އަދި ކުއްލި ހާލަތެއް ނުވަތަ ކާރިސާއެއް ދިމާ ވެގެން ޚިދްމަތަށް ނިކުތުމަށް ގޮވާލެވިއްޖެ ނަމަ ފާތުން ހުންނަނީ އެކަމަށް ވެސް އެލާޓްވެގެންނެވެ. މީގެ އިތުރުން ދުވުމަކީ ވެސް ހުސް ވަގުތު ރަނގަޅުގޮތުގައި ހޭދަކުރުމަށް ހޮބީއެއްގެ ގޮތުގައި ފެށިކަމެކެވެ.
ބްލައިންޑް ލޯންގް ޑިސްޓަންސްގެ ހުރިހާ ރެކޯޑެއްގެ ވެރިޔާ
ކުޅިވަރުގެ ދާއިރާއިން 2021 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ރިވެލި ތަރި އެވޯޑް ސަރުކާރުން ދީފައިވާ ފާތުން، ދުވަން ޝައުގުވެރިވީ ބްލައިޑް އެސޯސިއޭޝަން އަށް އެހީތެރިވުމުގެ ގޮތުން ބެންކް އޮފް މޯލްޑިވްސްއިން އިންތިޒާމްކޮށްގެން ބޭއްވި ދުވުމެއްގެ ތެރެއިންނެވެ.
"ފަސް ކުދިން ދުވެފިއްޔާ ބްލައިޑް އެސޯސިއޭޝަނަށް ވިހިހާސް ރުފިޔާ ދެއްވާނެ ކަމަށް ވިދާޅުވުމުން، ފާތުން ހިތަށް އެރީ އެ ދުވުމުގައި ފާތުން ބައިވެރި ވެއްޖެ ނަމަ އެއީ ވަރަށް ބައިވަރު ބްލައިންޑް ކުދިންނަށް ވެދެވޭ އެހީ އެކޭ. އެހެން ހިތުގަ ބާއްވައިގެން ދުވުމަށް ތައްޔާރުވެގެން އައީ. އަޅުގަނޑުގެ ތިއްތަ އަޅުގަނޑު ގެންގޮސް ގައިޑަކާ ހަވާލުކޮށްގެން އެދުވަހު ދުވުން ނިންމާލެވުނީ. ފަހުން ހިތަށް އެރި ދުވުމަކީ ވެސް މަޖާ އަދި ކުރެވިދާނެ ކަމެކޭ. އެދުވަހަށް ފަހު ފާތުން ހޯދީ ފާތުންނާ އެއްކޮށް ދުވާނެ ގައިޑަކާ...ޓްރެއިން ކޮށްދޭނެ ކޯޗެއް... އެއަށްފަހު އެކި ގައިޑް ރަނާސް އާ އެއްކޮށް ދުވަމުން އައިސް މިހާރު މިދުވަނީ 10 ވަނަ ގައިޑްރަނާއާއެކު...." އޭނާ ބުންޏެވެ.
މިހާތަނަށް ބްލައިންޑް ލޯންގް ޑިސްޓަންސްގެ ހުރިހާ ރެކޯޑެއް ވެސް ހަދާފައިވާ ފާތުން ވަނީ 2020 ވަނަ އަހަރު ޖަޕާންގައި ބޭއްވި ޕެރަލިމްޕިކްގައި ފުރަތަމަ ފަހަރަށް، ވަރަށް ފަޚުރުވެރިކަމާއެކު ރާއްޖޭގެ ދިދަ އުފުލާފަ އެވެ.
ހައްގުތަކަށް ވަކާލާތު ކުރުމުގައި ފާތުން އެންމެ ކުރީގައި
ޑިސްއޭބަލް ކުދިންގެ ހައްގަށް ވަކާލާތުކުރުމާ، އެކުދިންނަށް ހުރި ގޮންޖެހުންތަށް ހަނި ކުރުމަށް ކުރަންޖެހޭ ކަންތަކުގައި ވަކާލާތު ކޮށްދިނުމާ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމާއި، ވޯޓިން ރައިޓްސްއަށް ވަކާލާތު ކުރުމަކީވެސް ފާތުން ވަރަށް އިސްކަމެއްދީގެން ކުރާކަންކަމެވެ.
"އެޑްވޮކަސީގެ ދާއިރާގައި މިމަސައްކަތް ކުރަނީ. ދެން އަންހެނަކަށް ވީތީވެ ދިމާވާ ގޮންޖެހުންތައް ހަނިކުރަން ވެސް މަސައްކަތް ކުރަން ... އެއީ އަންހެނަކަށް ވެ ހުރެ އަދި ނުކުޅެދޭ މީހަކަށް ވީމަ ވެސް އޭނަ ވަރަށް ވަލްނަރަބަލް އެބަވޭ..." ފާތުން ބުންޏެވެ.
ވާހަކަދެއްކުމުގެ ހުނަރާއި ފާތުން ބޭނުންކުރާ "ރ"
ފާތުންގެ ވަރަށް ހައިރާންކުރަނިވި އަދި ހާއްސަ އެހެން ކަމެއް އޮވެ އެވެ. އެއީ ބަސްމޮށުންތެރި ކަމެވެ. ވާހަކަ ދައްކާއިރު މީހުންގެ ސަމާލުކަން އަތުލައިގަންނަނީ ވަރަށް ފަސޭހަކަމާއެކު އެވެ. އެއްވެސް ފޫހިކަމެއްނެތި އެތަށް އިރެއް ވަންދެން ވެސް ފާތުންގެ އަޑު އަހާލަން މީހުން ތިބެނީ އެހެންވެ ކަމަށް ވެދާނެ އެވެ.
"އެއްފަހަރަކު އަޅުގަނޑު ވާހަކަ ދައްކާ ނިމުމުން މީހަކު އަޅުގަނޑު ކައިރީ ބުނި ކިރިޔާއޭ ނުރޮވުނީ...." އޭނާ ބުންޏެވެ.
ސްކޫލް ދުވަސްވަރު ފާތުން ވަނީ ގިނަ ދިވެހި އަދަބީ ހަރަކާތްތަކެއްގައި ބައިވެރިވެ އެކި ވަނަ ވެސް ހާސިލް ކޮށްފަ އެވެ.
"ސްކޫލް ނިމުމަށްފަހު ވެސް ޅެން އަޑުއަހަން. އޭގެ މާނަ ދެނެގަނެ އާދައިގެމަތިން މި ދައްކާ ވާހަކައިގަ އެބަސްތައް ބޭނުން ކުރެވޭތޯ ބަލަން.. އަދީބުންގެ މަޒުމޫނުތައް ވެސް ވަރަށް ބޮޑަށް އަޑުއަހަން. ވަރަށް ގިނަ ބޭފުޅުން ފާހަގަ ކުރާކަމެއް އަޅުގަޑު ބޭނުންކުރާ 'ރ' އަކީ ވަރަށް މުސްކުޅި 'ރ' އެއް ކަމަށް. " ފާތުން ބުންޏެވެ.
ގޭތެރޭގެ މަސައްކަތްކުރުން
އަންނައުނު ދޮވެ ހަދަނީ ފާތުން އެކަންޏެވެ. އަދި ކެއްކުމަކީ ފާތުން ވަރަށް ގަޔާވާ ކަމެކެވެ. ގެރި މަހާއި ކުކުޅު މަހުގައި ފްރައިޑްރައިސް ހެދުމަށް ފާތުން ވަރަށް ފަރިތަ އެވެ.
"މޭޒާ ކައިރި ވާއިރު ބަލާލަން މޭޒުމަތީގަ އެއްޗެއް ހުރިތޯ. ކަޓިންބޯޑަށްވުރެ ފާތުން ފަރިތަވާނީ އަތުން ފިޔާއެއްޗެހި ކޮށަން. ކުކުޅު ހަންނޮޅާ ކޮށާ ހަދަން. ފިޔާ މީރުވީކަމާ، ރިހައެއްޗެހި ކެކުނީކަން ފާހަގަ ކުރަނީ އަޑުން. ހޫނު ގަދަވަމުން އަންނަ ވަރަކަށް ބޮކި ޖަހާއަޑު ގަދަވާނެ. ކައްކާ ކުލާހަކަށް ވެސް ދިޔައިން،" އޭނާ ބުންޏެވެ.
ފާތުންގެ މެސެޖް
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންނަށް ފާތުން ދޭންބޭނުންވާ މެސެޖަކީ ކޮބާތޯ އެހުމުން ބުނަނީ "ނުކުޅެދުން ތެރިކަމަކީ މަގުމައްޗަށް ނުނެރި ގޭގައި ބައިންދަން ޖެހޭ ކަމެއް ނޫން. މިހާރު ފުރުސަތުތަށް އެބަހުރި. އެ ފުރުސަތުތަކުގެ ބޭނުން ހިފައި މުޖްތަމައުއަށް ނެރި ހޭލުން ތެރި ބައެއް އުޅޭ މުޖްތަމައަކަށް ހަދަން ހިގާ. ކުޅިވަރުގެ މައިދާނުގައިވެސް ފުރުސަތުތަށް އެބަހުރި. ޑިސްއެބިލިޓީ އަކީ އެބިލިޓީ ގޮތުގަ ބަލާ،" ކަމަށެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކަންކަން ކުރެވޭނެތޯ ނުވަތަ ނުކުރެވޭނެތޯ އެހެން ބަޔަކު ގޮތް ނިންމުމަކީ ފާތުން ދެކޭގޮތުގައި އިންސާފެއް ނޫނެވެ.
ސަރުކާރުގެ މުއައްސަސާތަކަށް ފާތުން ދޭ ވަރަށް މުހިންމު މެސެޖެއް ވެސް ހިއްސާކޮށްލި އެވެ.
"ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެންގުޅޭ މުއައްސަސާތަކަށާއި އޮފީސްތަކަށް ފާތުން ބުނެލަން އޮތީ، އެފަދަ ކުދިންގެ ޑިވެލޮޕްމަންޓަށް ކުރާ ކަންތައްތަކުގައި އޮފީހުން ދޫކުރަން ޖެހުނީމަ ދޫކޮށްދެއްވާށޭ. އޮފީހަށް ދިޔައީމަ މަސައްކަތް ހަވާލު ކުރައްވާށޭ، މަސައްކަތް ދަސްކޮށް ދެއްވާށޭ، ތަމްރީނު ކޮށްދެއްވާށޭ އަދި އެހެނިހެން ތަންތަނުން ލިބޭ ފުރުސަތުތަކަށް އެކުދިން ފޮނުއްވާށޭ... އޭރުންނޭ އެކުދިން ކުރިއަރާނީ..." އޭނާ ބުންޏެވެ.
ފާތުން މިހާރު ބޭނުންވަނީ ޒަވާޖީހަޔާތެއް ފަށާށެވެ. އިރާދަކުރެއވިއްޔާ އެކަންވެސް ކާމިޔާބުވާނެ އެވެ. އަޅުގަނޑުމެން އެންމެންގެ ދުއާއަކީ މާތްﷲ ފާތުންގެ އެއުންމީދު ފުރިހަމަ ކޮށްދެއްވުމެވެ. އަދި ފާތުންގެ މަސައްކަތް ތިޔަގޮތުގައި ތިޔަ އަޒުމަށް ބަދަލެއް ނުގެނެސް ކުރިއަށް ގެންދާށެވެ.