އަންނަ ޖުލައި މަހު ބަންކަރިންގެ ހިދުމަތް އިވަންދިއްޕޮޅުގައި ފެށިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވީ މިހާރު ރައީސް މުއިއްޒު އުތުރުގެ ހަތަރު އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު މި ޖަލްސާގައި އިތުރަށް ވިދާޅުވީ ދެ ހަފްތާ ތެރޭގައި ދުނިޔޭގެ ގަދަ 10 ގައި ހިމެނޭ އެއް ކުންފުންޏަކާ އެކު ބޮޑުތިލަދުންމަތީގައި ބަންކަރިންގެ ހިދުމަތް ފެށުމަށް މަޝްވަރާ ކުރާނެ ކަމަށެވެ. އަދި ކުރިއަތް އޮތް ދެ މަހެއްހާ ދުވަހު މަސައްކަތްކޮށް އަންނަ ޖުލައި މަހު ބަންކަރިންގެ ވިޔަފާރި ބޮޑު ތިލަދުންމަތީގައި ފެށިގެން ދާނެކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދެތިން ހަފުތާއެއްގެ ތެރޭގައި ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ ކުންފުންޏަކުން މި ސަރަހައްދުގައި ބަންކަރިންގެ ހިދުމަތަށް ވަންނާނެ،" ސައީދު ވިދާޅުވި އެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންގެ ހިދުމަތާއެކު އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތު އިތުރުވެ ރާއްޖޭގެ އާމްދަނީ އިތުރުވެގެން ދާނެކަމަށެވެ. މީގެ އިތުރުން ފޮރިން ކަރަންސީއަށް އީޖާދީ ދޮރެއް ހުޅުވިގެން ދާނެކަމަށް ވެސް ސައީދު ފާހަގަ ކުރެއްވި އެވެ.
މީގެ އިތުރުން ސައީދު ވިދާޅުވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ނަމުގައި ފްރީޒޯން ކުންފުންޏެއް އުފައްދައި ހޯރަފުށީގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫ ކުރިމަތީގައި އޮންނަ އިންޑަސްޓްރިއަލް ފަޅު އެކުންފުނީގެ އެސެޓްގައި ހިމަނާފައިވާ ކަމަށެވެ.
އެގޮތުން މޯލްޑިވްސް އިކޮނޮމިކް ގޭޓް ވޭގެ ނަމުގައި ފަށާ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެން ދާނެކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޔޫރޕިއަން ކުންފުންޏަކާ އެކު މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
"މުޅި ރާއްޖޭގެ އިގްތިސާދުގެ ލޭންޑް ޔޫސް ޕްލޭން ކުރަން ހުރި ހުރިހާ ކަމެއްގެ ބިންގާ އެހުރީ އެޅިފައި. މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީ ޒޯންގެ ނަމުގައި ފްރީ ޒޯން ކުންފުންޏެއް ރަޖިސްޓްރީ ކުރެވި މި ރަށުގެ އިންޑަސްޓްރިއަލް ފަޅާއި އިހަވަންދޫ ކުރިމަތީގައި އޮތް އިންޑަސްޓްރިއަލް ފަޅު އެވަނީ އެ ކުންފުނީގެ އެސެޓަށް ކޮންވާޓް ކޮށްދީފައި. އަދި އިކޮނޮމިކް ގޭޓްވޭގެ ނަމުގައި ފަށާ މަސައްކަތުގެ ބިން ހިއްކުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ" ސައީދު ވިދާޅުވި އެވެ.
ސައީދު އިތުރަށް ވިދާޅުވީ މި އަހަރު ތެރޭގައި ރާއްޖޭގެ ޑިވެލޮޕްމަންޓް ބޭންކެއް ތައާރަފް ކުރެވިގެން ދާނެކަމަށެވެ. އަދި އެ ބޭންކުން ރައްޔިތުންގެ ތަރައްގީގެ މަޝްރޫއުތަކަށް ފައިސާ ދިނުމަށް މިހާރަށް ވުރެ މާ ލުއި ގޮތްތަކެއް ފަހިވެގެންދާނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.