ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ ރަޖިސްޓްރީ މިހާތަނަށް 8,250 މީހަކަށް ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިހާތަނަށް 8،250 މީހުންނަށް އެގްރީމެންޓުގައި ސޮއިކޮށް ރަޖިސްޓަރީ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހުންނަށް ހަވާލުކުރެވިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނިގޮތުގައި ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު އެބަތިއްބެވެ. އެޕްލިކަންޓް/ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާތީ ސޮއިނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 16 އަށް އަރާއިރު، އެޕްލިކަންޓް/ އެޕްލިކަންޓުން ނިޔާވުމުގެ ސަބަބުން ސޮއިނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 12 އަށް އަރަ އެވެ.

އަދި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން ސޮއިނުކުރެވި ހުރި ފަރާތްތަކުގެ އަދަދު 120 އަށް އަރާއިރު، އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓަރީ ހަވާލު ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާ ފަރާތްތަކުގެ އަދަދަކީ 212 އެވެ.

މިނިސްޓްރީން ބުނީ މީގެ ތެރެއިން ގިނަ ފަރާތްތަކަށް ސޮއިކުރުމަށް ދެވަނަ ފުރުސަތެއް ދެވިފައިވާ ކަމަށެވެ.

އަދި މި ސްކީމްގެ ދަށުން ބިންތަކުގެ އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓްރީ ހަވާލު ކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ހަވާލު ކުރެވިފައިނުވާ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް އެ ވުޒާރައިން ކުރަމުން ގެންދާ ކމަށްވެ ސް ވިދާޅުވެފައިވެ އެވެ. ބިން ލިބޭ ފަރާތަކަށް އެ ވުޒާރާއިން ގުޅާނީ މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 4004994 އަދި 4004797 އިން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން 9،000 ގޯތި ދޫކުރަން ވަނީ ނިންމާފަ އެވެ. އެ ގޯތިތައް ދޫކުރަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ ތިނަކާއި ގުޅިފަޅާއި ގިރާވަރުފަޅުންނެވެ.