ރާއްޖެ އަނދަވަޅަކަށް ވައްޓާ ނުލައި ހިފެހެއްޓޭނީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެން ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ލޯންޗު ކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ފައްޔާޒް ވިދާޅުވީ ޕީޕީއެމް/ޕީއެންސީން ވެރިކަމަށް އައިސް ޑިމޮކްރެޓިކް ވެރިކަމެއް ކުރިއަށް ގެންދާ ތަން ނުފެންނަ ކަމަށެވެ. އަދި މިހާރު މި ފެންނަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެނުނު ކަހަލަ އަނިޔާވެރި ކަމަކަށް ރާއްޖެ ދާ މަންޒަރު ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"100 ދުވަސްވީ އިރުގައި 300 ދޮގު ހަދައިފި. ކޮންމެ ދުވަހަކު ހަދަނީ ދޮގެއް. ވެރިކަމަށް އައީ ދޮގު ހަދަމުން. އަޅުގަނޑުމެން ރައްޔިތުން ވޯޓުލީ ހެޔޮ ވެރިކަމެއް ނުވަތަ އެ ވިދާޅުވާ ތަރައްގީކޮށް ދޭނަމޭ ވިދާޅުވީމަ އެ ގަބޫލުކޮށްގެން. އެ ފިތުނަތައް ގަބޫލުކޮށްގެން. އެ ދޮގުތައް ގަބޫލުކޮށްގެން،" ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިގްތިސާދު ރަނގަޅު ކުރާނެ ވާހަކަ އާއި ދަރަނި ދައްކާނެ ވާހަކަ އާއި 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވައުދުވަމުން ކަމަށެވެ. އެ ދޮގުތައް ހަދައިގެން އައިސް ނާގާބިލް ކަންމަތީގައި މިއަދު ފެނިގެން ދަނީ ރާއްޖޭގެ އިގްތިސާދު ފުނޑުފުނޑުވެގެން ދާ ތަން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"މިއަދު ވެސް ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އޮތަތީވެ، އެ އަނިޔާވެރިކަމަށް ދާން ނުކެރިގެން އެ އުޅެނީ،" ފައްޔާޒް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ފަސް ކުރަން އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައި ވަނިކޮށް އެ ބިލް ތަސްދީގު ނުކުރައްވައި ރައީސް މުއިއްޒު އަނބުރާ މަޖިލިހަށް ފޮނުއްވި މައްސަލައިގައި ވެސް ފައްޔާޒް ވަނީ ފާޑު ވިދާޅުވެފަ އެވެ.

ފައްޔާޒް ވިދާޅުވީ ރޯދަ މަހު އިންތިހާބު ބާއްވަން ޖެހޭ ސަބަބެއް ބުނެދީފައި ނުވާ ކަމަށެވެ. ރޯދަ މަހު، ދިވެހިން ރޯދަ ހިފައިގެން ތިއްބާ ވޯޓުލާން ނެރެން މި ޖެހެނީ ކީއްވެތޯ ފައްޔާޒް ވަނީ ސުވާލު އުފައްދަވައިފަ އެވެ.

"މިއުޅެނީކީ ހަނގުރާމައެއް އައިސްގެން ޖިހާދަށް ނުކުންނަން ޖެހިގެން ނޫން އެނގޭތޯ." ފައްޔާޒް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ދެން ރާއްޖެ ހަމަ މަގަށް އެޅުވޭނީ މަޖިލިހުގެ މެޖޯރިޓީ އެމްޑީޕީ އަށް ލިބިގެންނެވެ.