މެޑިކަލް އެމަޖެންސީ ހާލަތްތަކުގައި ރާއްޖެ އިން ބޭރު ގައުމުތަކަށް ބަލި މީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާ އަށް އެއާ އެމްބިއުލާންސް އޮޕަރޭޓް ކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ކުޑަކޮށްފި އެވެ.
އެއާ އެމްބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަން ޖެހޭ ހުއްދަ ހޯދުމުގައި ހޭދަވާ ވަގުތު ކުޑަކުރީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޖަނަވަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ސަރުކާރާ އެކު ބޭއްވި މަޝްވަރާތަކުގަ އެވެ.
ރާއްޖެއިން ލަންކާއަށް ބަލި މީހުން އުފުލުމަށް ހުއްދަތައް ހޯދުމަށް، 6 ގަޑިއިރާ 24 ގަޑިއިރު މިހާރު ހޭދަވެ އެވެ. އެކަމަކު މަޝްވަރާކޮށް ފަހުން މި ހަމަޖެހުނު އިންތިޒާމްތަކާ އެކު ދެ ގަޑިއިރުގެ ތެރޭގައި އެ ހުއްދަ ލިބޭނެ އެވެ.
ރައީސް އޮފީހުން ބުނީ މިކަން ކުރުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ކޮލޮމްބޯގެ ބަންޑާރަނާޔަކަ އިންޓަރނޭޝަނަލް އެއާޕޯޓުގައި ސްރީލަންކާގެ ސަރުކާރުން މިހާރު ހަމަޖައްސައި ދީފައިވާ ކަމަށެވެ.
އެ އޮފީހުން ބުނި ގޮތުގައި ދިވެހިންނަށް ރާއްޖެ އާއި ރާއްޖެއިން ބޭރުން ރަނގަޅު ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. މިއީ އިމަޖެންސީ ހާލަތްތަކުގައި އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ބަލި މީހުން ގެންދިއުން އަވަސްކުރުމަށް ރައީސްގެ އިރުޝާދުގެ ދަށުން ކަމާބެހޭ އިދާރާތައް ގުޅިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ. އެ ހިދުމަތް އަންނަ މަހުގެ އެއް ވަނަ ދުވަހު ތައާރަފުކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތަކުން ދިވެހިންނަށް ބޭސް ފަރުވާގެ އިންތިޒާމު ވެސް ހަމަޖެއްސުމަށެވެ. އަދި އެ ގައުމުތަކަށް ވެސް އެއާ އެމްބިއުލާންސުގައި ބަލި މީހުން އުފުލުމުގެ އަަވަސް އިންތިޒާމުތަކެއް ހަމަޖެއްސުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.