ފާނަބަސަންދު ފެތުރޭތީ އެ ބަލިން ރައްކާތެރިވުމަށް، ހެލްތު ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ވައިރަހަކުން ޖެހޭ މި ބަލި އާންމުކޮށް ކުޑަކުދިންނަށް ޖެހުނު ނަމަވެސް ބޮޑެތި މީހުންނަށް ވެސް ޖެހޭ ކަމަށެވެ. މި ބަލީގެ އަލާމަތްތަކުގެ ތެރޭގައި ހުން އައުން، ވަރުދެރަވުން، ނޭފަތުން ފެން އައުން އަދި ހަމުގައި ފެންއަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެ އެވެ.

މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔަކަށްވާއިރު ބަލިޖެހިފައިވާ މީހެއް ކެއްސާ، ކިނބިހި އަޅާއިރު ނޭވާލާ ނިޒާމުން ވެސް މި ބަލި ފެތުރެ އެވެ. ބިހި ނަގާފައި ހުރި މީހެއް ގައިގައި ބީހުމުން ނުވަތަ ބަލި ޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތުވާލި ފަދަ ތަކެތި ބޭނުންކުރުމަކީ މި ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާނެ ކަމެކެވެ.

އަދި ގައިގައި ހުރި ބިހިތައް އެއްކޮށް ކުރަމަގާލި ލަންދެން މި ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ އެވެ.

ފާނަބަސަންދުގެ އަލާމާތްތަކުގެ ތެރޭގައި ވަރުބަލިކަން އިހްސާސް ކުރެވުމާއި ހުން އައުމާއި ބޮލުގައި ރިއްސުމާއި ކެއްސުމާއި ކަރަށް ތަދުވުމާއި ބަނޑުގައި ރިއްސުމާއި ފެން އަރާފައި ހުންނަ ބިހިތަކެއް ނެގުން ހިމެނެ އެވެ.

ބަލި ޖެހިއްޖެނަމަ ގޭގައި އުޅޭ އެހެން މީހުންނާ އެކަހެރިވުމަށާއި ގެއިން ބޭރަށް ނުދިޔުމަށާއި ވެކްސިން ނުޖަހާނަމަ އެ ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އެދި ފައެވެ. އަދި ބަލި ޖެހޭ މީހުން ހިފައި ގެންގުޅޭ ތަކެތި ވެސް އެކަހެރިކުރުމަށް ވެސް އެދިފައިވެ އެވެ.