ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ގާނޫނުތަކާއި ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގައިފި އެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތް ކުރިއަށް ގެންދާއިރު، ސަމާލުކަން ދޭން ޖެހޭ ކަންކަން ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި އިންތިހާބީ ހައްގެއްގެ ފައިދާ ވަކި ފަރާތަކަށް ލެންބުމަށްޓަކައި ހުށަހެޅުންތައް ހުށަނޭޅުން ހިމެނެ އެވެ.

އަދި އިންތިހާބާ ގުޅުވައި ވަކި ފަރުދެއް ނުވަތަ ބައެއްގެ އާންމު ފައިދާއަށް ފައިސާ ނުދިނުމަށާއި ކަންކަން ނުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ. މީގެ އިތުރުން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޤާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކާ ހިލާފަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ނުކުރަން އެދިފައިވެ އެވެ.

އޭސީސީން ވަނީ އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް ފާހަގަވެއްޖެ ނަމަ އެ އިދާރާއަށް ހުށަހެޅުމަށް އެދިފަ އެވެ. އެގޮތުން ކޮމިޝަނުގެ ވެބްސައިޓުގައި އިންތިހާބާ ގުޅޭ ހާއްސަ ޕޯޓަލެއް ހިމެނިފައިވާނެ ކަމަށް ވެސް އޭސީސީން ބުނެ އެވެ.