އޮފީހުގައި ނުވަތަ ގޭގައި ގިނަ ވަގުތު ހޭދަ ކުރާއިރު، އިށީނދެގެން ތިބެވޭ ނުބައި ގޮތެއްގެ ސަބަބުން މައިބަދައަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ތަކެއްވެ އެވެ. ބުރަކަށީގައި ރިއްސުމާއި، މައިބަދަ ގުދުވުމަކީ މިއަދު ގިނަ ބަޔަކު ކުރިމަތިލާ ންޖެހިފައިވާ އާންމު މައްސަލަ އެކެވެ.

މިކަމާ ގުޅޭ ގޮތުން ކަށީގެ ހާއްސަ ޑޮކްޓަރެއް ވަނީ އިށީނދެގެން ތިބޭ ގޮތުން މައިބަދައަށް ކުރާ އަސަރުތަކާއި، އިށީނދެގެން ތިބޭ ގޮތް (ޕޯސްޗާ) ރަނގަޅު ކުރުމަށް ބޭނުންކުރާ ސާމާނުތަކުގެ ހަގީގަތް ހާމަ ކުރައްވާފަ އެވެ.

ނުބައިކޮށް އިށީނދެގެން އިނުމުން ވާ ގޮތް

ގިނައިރު ގުދު ވެގެން ނުވަތަ ކަނދުރާ ކުރިއަށް ޖައްސައިގެން އިނުމަކީ ބުރަކަށީގެ ކަށި ތަކަށާއި ނާރުތަކަށް ބޮޑު ބާރެއް ކުރާ ކަމެކެވެ. މީގެ ސަބަބުން:

  • ބުރަކަށީގައާއި ކަނދުރާގައި ރިއްސުން: މަސްތަކަށް ވާންވެ، ދާއިމީ ގޮތެއްގައި ތަދު އުފެދެ އެވެ.
  • ޑިސްކު މައްސަލަތައް: މައިބަދައިގެ މަޑު ކަށިތަކަށް ފިއްތުންތައް ކުރިމަތިވެ، ޑިސްކު ގުޑުން ފަދަ މައްސަލަތައް ދިމާވެ އެވެ.
  • ލޭ ދައުރު ކުރުމަށް ހުރަސްއެޅުން: ގިނައިރު ގުދުވެގެން އިނުމުން ހަށިގަނޑުގެ އާންމު ލޭ ދައުރު ކުރުމަށް ބުރޫއަރަ އެވެ.

ޕޯސްޗާ ރަނގަޅުކުރާ ވަސީލަތްތައް: ހަގީގަތުގައި ފައިދާހުރި އެއްޗެއްތަ؟

ބާޒާރުގައި ޕޯސްޗާ ރަނގަޅު ކުރުމަށްޓަކައި އަޅާ ބެލްޓުތަކާއި، ހާއްސަ ގޮނޑި އަދި ކުޝަންތައް ވިއްކަން ހުރެ އެވެ. މިއާމެދު ކަށީގެ މާހިރު ދެއްވާ އިރުޝާދަކީ:

  1. ބެލްޓާއި ކަރެކްޓަރުތައް: މިއީ ކުރު މުއްދަތަކަށް، އިށީނދެގެން އިނަންވީ ސީދާ ގޮތް ހަނދާން ކޮށްދިނުމަށް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ނަމަވެސް، މިއަށް މުޅިން ބަރޯސާ ވެގެން އަބަދު އަޅައިގެން އުޅުމަކީ އޭގެ ސަބަބުން އަމިއްލަ މަސްތައް ކަންނެތްވެ، ބުރަކަށީގެ މަސްތަކުގެ ވަރުގަދަކަން ކުޑަ ވެގެންދާނެ ކަމެކެވެ.
  2. އެރްގޮނޮމިކް ގޮނޑިއާއި ސަޕޯޓު ކުޝަން: ބުރަކަށީގެ ތިރިއަށް ސަޕޯޓުދޭ ގޮނޑިއާއި ކުޝަންތަކަކީ ސީދަލަށް އިށީނދެގެން އިނުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ވަސީލަތްތަކެކެވެ.

މައިބަދަ ރައްކާތެރި ކުރަން ކުރެވިދާނެ ކަންކަން

މާހިރުން އިރުޝާދު ދެއްވާ ގޮތުގައި އެންމެ ރަނގަޅު "ވަސީލަތަކީ" އަމިއްލަ އާދަކާދައަށް ގެންނަ ބަދަލުތަކެވެ.

  • 30 މިނެޓުން ބްރޭކެއް ނެގުން: ކޮންމެ 30 މިނެޓަކުން ތެދުވެ، މަޑުމަޑުން ހަށިގަނޑު ދަމާލައި ކުޑަކޮށް ހިނގާލާށެވެ.
  • ކޮމްޕިއުޓަރުގެ އުސްމިން: ކޮމްޕިއުޓަރު ނުވަތަ ލެޕްޓޮޕްގެ ސްކްރީން ހުންނަން ވާނީ ސީދާ ލޮލާ ދިމާވާ ހިސާބުގަ އެވެ. އޭރުން ކަނދުރާ ތިރިއަށް ނުވަތަ މައްޗަށް ލަންބަން ނުޖެހި މަސައްކަތް ކުރެވޭނެ އެވެ.
  • ކަސްރަތު ކުރުން: ބުރަކަށި އަދި ބަނޑުގެ މަސްތައް ވަރުގަދަކުރާ ކަސްރަތުތައް ކުރުމަކީ އަމިއްލައަށް ސީދަލަށް އިށީނދެގެން އިނުމުގެ ގާބިލުކަން ހަށިގަނޑަށް ލިބިގެންދާނެ ކަމެކެވެ.

ކުރުކޮށް ބުނާނަމަ އެކި ކަހަލަ ބެލްޓުތަކަށް ބަރޯސާވުމުގެ ބަދަލުގައި، އިށީނދެގެން ތިބޭ ގޮތަށް އަމިއްލައަށް ސަމާލުކަންދީ، ގަވާއިދުން ހަރަކާތްތެރިވެ އުޅުމަކީ މައިބަދައިގެ ސިއްހަތު ރަނގަޅުކުރުމަށް އޮތް އެންމެ ރަނގަޅު މަގެވެ.