ކަފަ ބުރުން ކަންފަތް ސާފު ކުރުމަކީ އަހަރުމެންގެ ތެރެއިން ގިނަ ދިވެހިން ކުރާ ކަމެކެވެ. އެހެން ނަމަވެސް އެކަމުން ލިބޭ ގެއްލުން އެނގޭނަމަ ކޮންމެ މީހަކު ވެސް އެކަމުން ދުރުވާނެ އެވެ.

ކަންފަތް ސާފު ކުރުމުގެ ބޭނުމުގައި ކަންފަތަށް ލައްވާ ކަފަބުރުން ކަންފަތަށް ލިބެނީ ގެއްލުމެވެ. އެގޮތުން ކަފަ ބުރު ލައްވާ ވަރަކަށް ކަންފަތުގެ ތެރޭގައި ހުންނަ މަޑުތައް އެތެރެވެ އެވެ. މިހެން އެތެރެ ވަމުން ގޮސް ކަންފަތުގެ ތޫރީގައި ޖެހިއްޖެ ނަމަ އަޑު އިވުމަށް އަސަރު ކުރާނެ އެވެ.

ދެން އުފެދޭ ސުވާލަކީ ކަންފަތް ސާފު ކުރަން އޮތް އެންމެ މޮޅު ގޮތަކީ ކޮބައިތޯ އެވެ. ހަގީގަތަށް ބުނާނަމަ އަމިއްލައަށް ކަންފަތް ސާފު ކުރާކަށް ނުޖެހޭނެ އެވެ. އެއީ ހަށިގަނޑު އޭގެ އަމިއްލަ ޒާތުގައި ކުރާ ކަމެކެވެ.

ކަންފަތުން މަޑުތައް އަމިއްލައަށް ނަގަން ނުޖެހެނީ އެއީ ކަންފަތުގެ ހިމާޔަތަށް ހަށިގަނޑުން އަމިއްލަ އަށް އުފައްދާ އެއްޗަކަށް ވާތީ އެވެ. ކަންފަތަށް ވަންނަ ކިލަ އާއި ހިރަފުހާއި ކުނޑިތައް ކަންފަތުގެ އެންމެ އެތެރެޔަށް ދިޔުމަށް މަޑުތައް ހުރަސް އަޅަ އެވެ. ކުނޑި ފަދަ ތަކެތި މަޑުގައި ތަތްވެ، އެތެރެޔަށް ދިޔަނުދީ ހިފަހައްޓައިދެ އެވެ.

ކެއުމާއި ވާހަކަ ދެއްކުން ފަދަ ކަންކަމުން އަނގައިގެ ކަށިތަކާއި އެ ހިސާބަށް އަންނަ ހަރަކާތްތަކާ އެކު، ކަންފަތުގައި ހުންނަ ދުވަސްވީ މަޑުތައް ކަންފަތުން ބޭރަށް ނިކުމެ، އާ މަޑުތަކަށް ޖާގަ ހަދައިދެ އެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އަމިއްލަ އަށް ކަންފަތް ސާފުކުރުމުން ވަގުތުން ހައްލު ލިބޭ ކަމަށް އިހްސާސް ކުރެވުނަސް، ކަންފަތަށް އެއްޗެހި ކޮއްޕުމުން މަޑުތައް ކަންފަތުގެ އެންމެ އަޑިއަށް ގޮސް އަދި ކަންފަތަށް ކޮއްޕާ އެއްޗެހިން ކަންފަތުގެ އެތެރެ ހަލާކުވާ ގޮތްވެ އެވެ.

މިހުރިހާ ކަމަކަށް ބަލާއިރު އެނގޭ ކަމަކީ ކަފަ ބުރުން ކަންފަތް ސާފު ކުރުމަކީ އަހަރުމެން ދުރުވާން ޖެހިފައިވާ ގެއްލުން ހުރި އާދައެއް ކަމެވެ.