ދިރާގުގެ އެހީތެރިކަމާ އެކު ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާއާ ގުޅިގެން ހއ. އިހަވަންދޫގައި ކުރިއަށްގެންދެވުނު "ޔަންގް ފިޝާސް ކްލަބް" ނިންމާލައިފި އެވެ.

އިހަވަންދޫ ސްކޫލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސްކޫލްގެ 25 އަންހެން ދަރިވަރުންނާއި 10 ފިރިހެން ދަރިވަރުން ހިމެނޭ ގޮތަށް ޖުމްލަ 35 ދަރިވަރުން ވަނީ މި ޕްރޮގްރާމްއިން ދަސެވެނިވެފަ އެވެ.

އެގޮތުން މި ޕްރޮގްރާމް މެދުވެރިކޮށް މަސްވެރިކަމާއި، ކަނޑުގެ މާހައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތައާރަފްކޮށް އަސާސީ މައުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ވަނީ ދަސްކޮށްދީފަ އެވެ.

މީގެ އިތުރުން ފެތުމާއި ސްނޯކްލިން އަދި އިސްނެގުމާ އެކުގައި މަސައްކަތް ކުރުން ފަދަ ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް ވަނީ އަލިއަޅުވާލާފައިފަ އެވެ. މި ހުނަރުތައް ކުދިންނަށް ދަސްކޮށްދީފައިވަނީ އަމަލީ ތަޖުރިބާއާއެކު މިކަމުގެ މާހިރުންގެ އިރުޝާދުގެ ދަށުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު މުހައްމަދު ވަނީ މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމި ދަރިވަރުންނަށް މަރުޙަބާ ވިދާޅުވެފަ އެވެ. އަދި މި ހާސިލުކުރެވުނީ އެ ޖަމިއްޔާއިން ޒުވާނުން މަސްވެރިކަމުގެ ސިނާއަތައް ޝައުގުވެރިކުރުވުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ލަނޑުދަނޑިއެއް ކަމުގައި ފާހަގަކުރެއްވި އެވެ.

ޝާކިރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމް ފުރިހަމަކުރި ދަރިވަރުންނަކީ މުސްތަގްބަލުގައި އިހަވަންދޫ ސްކޫލްގައި ހިންގާ ކްލަބްގެ ހަރަކާތްތަކުގައާއި އެހެނިހެން ސްކޫލްތަކުގައި ހިންގާ ޔަންގް ފިޝާސް ކްލަބްގެ ހަރަކާތްތަކުގައި ލީޑަރުންގެ ގޮތުގައި ފެނިގެން ދިއުމަށް އުންމީދުކުރާ ކަމުގައި ވިދާޅުވި އެވެ.

"'ޔަންގް ފިޝާސް ކްލަބް' އަކީ މި ސްކޫލަށް ލިބުނު ރަނުގެ ފުރުސަތެއް. ތިމާވެއްޓާއި މަސްވެރިކަމާއި ކަނޑުފަޅާއި އޮޔާއި ވައިގެ އަސަރުތައް ދަރިވަރުންނަށް ޕްރޮގްރާމް މެދުވެރިކޮށް ތަޖުރިބާ ކުރެވުނު. އަދި ތިމާވެއްޓާއި ކަނޑުތައް ހިމާޔަތް ކުރުމަށްޓަކައި މުރަކަ އިންދާ ހައްދާނެ ގޮތާއި ފަރުތައް ހިމާޔަތްކުރުމާއި ގުދުރަތީ ވަސީލަތްތައް ހެޔޮ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާ މެދު ކުދިންގެ ޝައުގުވެރިކަން އުފެދުނު. އަދި ނަތީޖާއެއްގެ ގޮތުން ސްކޫލް ކަރިކިއުލަމް ތަންފީޒް ކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދިޔަ." އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލް އަޙްމަދު ރަޝީދު ވިދާޅުވި އެވެ.

"މި ޕްރޮގްރާމުން ދަސްވެނިވި 35 ދަރިވަރުންގެ ތެރެއިން 25 ދަރިވަރުންނަކީ އަންހެން ކުދިންކަން އަޅުގަނޑު ވަރަށް ފަޚުރުވެރިކަމާ އެކު ފާހަގަކުރަން. މިއީ މި ޕްރޮގްރާމްއިން ދެ މިންތިއަށް އިސްކަންދޭކަން ދައްކުވައިދޭ އަލިގަދަ ހެއްކެއް. އަދި މަސްވެރިކަން ފަދަ ދިވެހިރާއްޖޭގެ އަސާސީ ސިނާއަތެއްގައި ދެ މިންތީގެ ހަމަހަމަ ބައިވެރިވުމާއި ތަމްސީލުކުރުމަށް މަގުފަހިކޮށްދިނުމަށްވެސް އެޅޭ މުހިންމު ފިޔަވަޅެއް." ދިރާގުގެ ކުޅުދުއްފުށީ އޮޕަރޭޝަންސް ސެންޓަރުގެ މެނޭޖަރު، އަބްދުالله ސާދިގު ވިދާޅުވި އެވެ.

ޔަންގް ފިޝާސް ކްލަބުގައި ބައިވެރިވި ދަރިވަރުން ވަނީ މި ޕްރޮގްރާމްގެ ސަބަބުން ބަޔޯޑައިވާސިޓީއާއި، މަސްވެރިކަމާއި، މޫސުމާ ގުޅުންހުރި އަގުހުރި ހުނަރުތަކާއި، އެއްކޮށް މަސައްކަތް ކުރުމާއި އިސްނެގުން ފަދަ ހުނަރުތައް ދަސްވިކަމަށް ބުނެފަ އެވެ.

އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާހައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާ މެނޭޖްމެންޓްއާއި ބަޔޯޑައިވާސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ދަސެވެގެންދިޔަ އެވެ.

ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުވާ ތިމާވެށި ހިމާޔާތްކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާތަކެއް. ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކަނޑުތައް ހިމާޔަތްކުރުމާއި ޒުވާނުން ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަށް އެއްބާރުލުން ދިނުމަށެވެ.