އަންކިތާ ލޯކަންޑޭއަކީ ހިންދީ ރިއަލިޓީ ޝޯތަކާއި ޓީވީ ސީރިއަލްތައް ބަލާ މީހުންގެ މެދުގައި މަގުބޫލު ފަންނާނެކެވެ. ދާދި ފަހުން މީޑިއާއަށް ދިން އިންޓަވިއުއެއްގައި އަންކިތާ ވަނީ މުމްބާއީގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
އެގޮތުން އަންކިތާ ބުނެފައިވަނީ މުމްބާއީއަށް ވެހޭ ވާރޭގެ ޝަކުވާ އެންމެން ކުރަނީ ކީއްވެގެންކަން އޭނާއަށް ނޭނގޭ ކަމަށާއި ވިއްސާރަ މޫސުމަކީ އޭނާ ލޯބިކުރާ ދުވަސްތަކެއް ކަމަށެވެ.
އެހެން ނަމަވެސް އެ މޫސުމުގައި އާއްމު ދަތުރު ފަތުރުކުރާ މީހުންނަށް ދިމާވާ އުނދަގޫތައް އޭނާއަށް ނޭނގޭނެ ކަމަށް ބުނަމުން އަންކިތާ ބުނީ އޭނާ ރޭލު ދަތުރު ކުރުން ހުއްޓާލިތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.
ސަބަބެއްގެ ގޮތުގައި އަންކިތާ ބުނީ އަހަރުތަކެއް ކުރިން އޭނާއަށް ދިމާވި ހާދިސާ އެކެވެ. އަންކިތާ ބުނީ އޭނާއާއި އޭނާގެ ރަހުމަތްތެރިންތަކެއް ރޭލު ދަތުރު ކުރުމުގެ ތެރޭގައި އޭނާއަށް އެރުނީ ވަކި ރޭލަކަށް ކަމަށާއި އެއިން ނުކުންނަން ވެގެން ރޭލު ދުވެ ދުވެ ހުއްޓާ އެއިން ފުންމާލީ ކަމަށެވެ.
"އަހަރެން ރޭލުން ފުންމާލީ. ބިންމައްޗަށް ވެއްޓުނު އިރު މުޅި ހަށިގަނޑު ތުރުތުރު އަޅާ. ކޮންމެވެސް ގޮތަކަށް ސަލާމަތްވީ." އެ ހާދިސާއަށްފަހު ރޭލު ދަތުރު ކުރަން ބިރުގަންނަ ކަމަށާއި ދުވަހަކުވެސް ރޭލަކަށް ނާރާ ކަމަށް އަންކިތާ ބުންޏެވެ.
ޒީޓީވީއިން ދުރަށް ދެއްކި "ޕަވިތުރާ ރިޝްތާ"އިން ސުޝާންތު ސިންހް ރާޖްޕުތުއާއެކު ފެނުނު އަންކިތާ ވަނީ ބޮލީވުޑްގެ ދެތިން ފިލްމަކުން ވެސް ފެނިފަ އެވެ.