ޖަލަކް ދިކަލާޖާ ސީޒަން 11 އިން ފެނިގެންދިޔަ ޝުއައިބް އިބްރާހިމްއާއި އޭނާގެ އަންހެނުން ދީޕިކާ ކައްކަރުގެ އިތުރުން ދަރިފުޅު ރުހާން ޗުއްޓީއަށް ދުބާއީއަށް ފުރައިފި އެވެ.

ޝުއައިބް އޭނާގެ އާއިލާއާއެކު ދުބާއީއަށް ގޮސްފައި މިވަނީ ޖަލަކް ދިކަލާޖާގެ ގްރޭންޑް ފިނާލޭގައި ބައިވެރި ވުމަށްފަހު އެވެ.

މިއީ އެ ދެމަފިރިންގެ ދަރިފުޅު ރުހާން އިންޑިއާއިން ބޭރަށް ކުރާ ފުރަތަމަ ދަތުރުކަން ފާހަގަ ކުރަމުން ދީޕިކާ ވަނީ މީގެ ކުރިން ވާހަކަ ދައްކާފަ އެވެ.

ޖަލަކް ދިކަލާޖާއިން މޮޅު ނުވި ނަމަވެސް ޝުއައިބް ވަނީ އެއްވަނައަށް ދިޔަ މަނީޝާ ރާނީއާ ވަރަށް ގާތުން ވާދަކޮށްފަ އެވެ.

ސީޒަން ފެށުނުއިރު އެހާ ރަނގަޅަށް ނަށަން ނޭނގޭ ކަމަށް އެއްބަސްވި ނަމަވެސް ގިނަ ފަރިތަކުރުންތަކަކާއެކު މިހާރު އޭނާގެ ހުނަރު ފައްކާވެފައިވާ ކަމަށް އޭނާ ބުނެ އެވެ.

ޝުއައިބްއާއި ދީޕިކާ އާއްމުންގެ ސަމާލުކަން ހޯދީ އެމީހުންގެ ކައިވެންޏަށްފަހު ދީޕިކާ އިސްލާމްދީން ގަބޫލުކޮށް އޭނާގެ ނަން ފައިޒާއަށް ބަދަލު ކުރުމުންނެވެ.