ފެނަކީ ދިރިހުރުމަށް ކޮންމެހެން ބޭނުން އެއްޗަކަށް ވާއިރު ދުވާލަކު މަދުވެގެން ތިން ލީޓަރު ފެން ބުއިމަށް ޑޮކްޓަރުން ލަފާދެ އެވެ. މިއީ ދުޅަހެޔޮ ހަށިގަނޑަކަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ނަމަވެސް ބައެއް ފަހަރު ކިތަންމެ ވަރަކަށް ފެން ބުޔަސް ކަރު ހިއްކުން ފިލައިގެން ނުދެ އެވެ. އަދި ބަނޑުހައިކަންވެސް ފިލައިގެން ނުދެ އެވެ. މިހެން ވާން ދިމާވާ ސަބަބުތަކަށް ބަލައިލާނަމެވެ.

މާ ގިނައިން ލޮނު ބޭނުން ކުރުން

މާ ގިނައިން ލޮނު ބޭނުން ކުރާނަމަ ކަރު ހިއްކާނެ އެވެ. ލޮނަކީ ހަށިގަނޑުގައި ހުންނަ ސެލްތަކުން ފެން ދަމާލާ އެއްޗެކެވެ. އަދި ސިކުނޑިއަށް އެ ސަލްތަކުން ފެން ބޭނުންވާ ކަމަށް މެސެޖް ފޮނުވަމުންދެ އެވެ. އެހެންކަމުން އާންމު ގޮތެއްގައި ދުވާލަކު ގިނަ ވެގެން ބޭނުން ކުރަންވާނީ ފަސް ގްރާމް ލޮނެވެ. ލޮނު ގިނައިން ބޭނުން ކުރެވޭ ނަމަ އިތުރު ސިއްހީ މައްސަލަތައްވެސް ކުރިމަތިވުން ގާތެވެ.

ހެނދުނު ދުވުން

ހެނދުނު ދުވާ މީހެއް ކަމުގައި ވާނަމަ އެދުވަހަކު ހަށިގަނޑަށް ގިނައިން ފެން ބޭނުންވެ އެވެ. ކަސްރަތު ކުރުމުން ދާހިތްލުމާއެކު ހަށިގަނޑުން ގިނަ އަދަދަކަށް ފެން ބޭރުވެ އެވެ. ނަތީޖާއަކަށްވަނީ ބޭރުވާ ފެން ހޯދުމަށް މުޅި ދުވަހު ފެން ބޮވުމެވެ. އޭގެ ސަބަބުން ގިނައިން ކަރު ހިއްކުމަށް މެދުވެރިވެ އެވެ.

ހަކުރު ބަލި

ޓެސްޓް ނުހަދާ ނަމަ ބައެއް މީހުންނަށް ޑައިބެޓިކް ނުވަތަ ހަކުރުބަލި ހުންނަކަން ނޭނގި ޑީހައިޑްރޭޝަންގެ ގޮތުގައި ހީވެގެންދެ އެވެ. ބޮޑަށް ފެންބޮވުމާއި ގިނައިން ފާހާނައަށް ދެވުމާއި އަދި ލޯ ފުސްވުން ފަދަ ކަންކަމަކީ ހަކުރުބަލީގެ ބައެއް އަލާމާތްތަކެވެ. އެހެންކަމުން މި ނިޝާންތައް ހުންނަ ނަމަ ހަކުރު ބައްޔަށް ޓެސްޓުކުރުން މުހިއްމެވެ.