ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްރާއާއި އޭނާގެ ފިރިމީހާ ރާގަވް ޗައްދާއަށް އަލަތު ދަރިއަކު ލިބެން އުޅޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފި އެވެ.

މި އަޑުތައް އަރާފައި ވަނީ މިފަހުން ޕަރިނީތީ އާއްމުކޮށް ފެނުނު ފެނިލުމުގައި ގަޔަށް ދޫ ހެދުމެއް ލައިގެން ހުރުމުންނެވެ. އެއީ އޭނާގެ ބަނޑު ފޮރުވަން ކުރި ކަމެއް ކަމަށް ހަބަރުތައް ބުނެ އެވެ.

އެހެން ނަމަވެސް މި އަޑުތައް ދޮގުކޮށް ވެސް ހަބަރުތައް ފެތުރިފައިވެ އެވެ. އެ ހަބަރުތައް ބުނާ ގޮތުގައި ޕަރިނީތީ މި ވަގުތު ވެސް އުޅެނީ މަސައްކަތުގައި ބުރަކޮށެވެ.

އެގޮތުން އޭނާ ބަލިވެ އިން ކަމަށް ބުނާ ހަބަރުތަކަކީ އެއްވެސް އަސާސެއް ނެތް ހަބަރުތަކެއް ކަމަށާއި މަސައްކަތުގައި ޕަރިނީތީ އަވަދިނެތި އުޅޭކަމަށް ވެސް އެ ރިޕޯޓުތައް ބުނެ އެވެ.

އިންޑިއާގެ މަޖިލިސް މެމްބަރެއް ކަމަށްވާ ރާގަވް ޗައްދާއާ 2023 ވަނަ އަހަރު ކައިވެނިކުރި ޕަރިނީތީ އޭނާގެ ފިލްމީ މަސައްކަތްތަކާއި ޒަވާޖީ ހަޔާތް ބެލެންސް ކުރުމަށްޓަކައި ވަރަށް ގިނައިން ދިއްލީއާއި މުމްބާއީއާ ދެމެދު ދަތުރު ކުރެ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ދެން އޭނާ އެންމެ އަވަހަށް ފެނިގެންދާނީ އިމްތިޔާޒް އަލީ ޑައިރެކްޓްކުރާ ފިލްމެއް ކަމަށްވާ "ޗަމްކީލާ"އިންނެވެ.