ޅ. ކުރެންދޫގެ ތަރައްގީއަށްޓަކައި އެ ރަށް ކައިރީގައި އޮންނަ ޅޮސްއަލަފުށި އަނބުރާ ދައުލަތަށް ނަގައި، ކުރެންދޫ ބައެއްގެ ގޮތުގައި ހަމަޖައްސައި ދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޅ. ކުރެންދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުރެންދު އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގެ ބިން ނެތުން ކަމަށެވެ.
އިގުތިސާދީ ކުރިއެރުން ހޯދުމަކީ ކޮންމެހެން ވެސް ކޮންމެ ރަށަކަށް ވެސް ހޯދައިދޭންޖެހޭ ފުރުސަތެއް ކަމަށާއި ރަށް ތަރައްގީކުރަން ބޮޑު ގޮންޖެހުމަކާ ކުރިމަތިވެފައިވަނީ ރަށުގެ ފަޅުތެރޭގައި ބޭނުންވާ ވަރަށް ބިން ނެތުނީމަ ކަމަށް ރައީސް ވިދާޅުވި އެވެ.
ކުރެންދޫ އާއި މާ ދުރު ނޫން ހިސާބެއްގައި އޮތް ޅޮސްއަލަފުށި އެރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ގަސްދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިރަށުގެ ދާއިމީ ތަރައްގީ އަށްޓަކައި، ރަށުގެ ކުރިއެރުމަށްޓަކައި، އަޅުގަނޑު ގަސްދުކުރަނީ މިރަށާ މާ ދުރުނޫން ހިސާބެއްގަ އޮތް ޅޮސްއަލަފުއްޓަކީ މި ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް. ނަމަވެސް އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ." ރައީސް ވިދާޅުވި އެވެ.
ޅޮސްއަލަފުއްޓަކީ، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އުވާލުމާއި ގުޅިގެން އެކުންފުންޏަށް ބަދަލު ގޮތުގައި ދިން ރަށެކެވެ. ޔާމީންގެ ވެރިކަމުގައި އެއްބަސްވުން ބާތިލްކުރުމަށް ފަހު، ވަކި މުއްދަތެއް ދީ، މަސައްކަތް އަލުން ފަށަން ހެދި އެއްބަސްވުމުގެ ދަށުން ޅޮސްއަލަފުށި ފަހުން ބަދަލުކުރީ ރިސޯޓު ހެދުމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެ ރަށުގައި ލަގްޒަރީ ވިލާ އަޅަން އެ ރަށުން ބިމެއް ޓާޓާ ކުންފުންޏަށް ދީފައިވެ އެވެ.