ރަމަޟާން މަހު ދުވާލު ނުކައި ހުރުމަށްފަހު ރޯދަވީއްލާ ގަޑީގައި ކެއުމަށް ސަމާލުވުމަކީ ހަށިގަނޑަށާއި ސިއްހަތަށް ދިމާވެދާނެ އުނދަގޫތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަމެކެވެ.

ރޯދަވީއްލުން އެންމެ ރަނގަޅީ ކަދުރުންނެވެ. ތިންއޮށް ކަދުރާއި ފެން ނޫނީ ފަނި ތައްޓެއް ބުއިމަށް ފަހު މަޣްރިބު ނަމާދު ޖަމާއަތުގައި ކުރެވޭތޯ އަވަސްވެ ގަންނާށެވެ. ރޯދަ ވީއްލުމަށް ތައްޔާރުކޮށްފައި ހުރި ތަކެއްޗަށް އިންސާފުކުރަންވީ އޭގެ ފަހުންނެވެ. އެންމެ ރަނގަޅީ ތާޒާ މޭވާގެ ޖޫހެއް ތައްޔާރު ކުރުމެވެ.

އަލްމަންޑް ފަދަ ނަޓްސްގެ ބާވަތްތައް ރޯދަ ވީއްލާއިރު ކެވިދާނެ އެވެ. މިއީ ގިނަ ވަގުތު އެއްޗެއް ނުކައި ހުންނަ އިރު، ހަށިގަނޑަށްް ބޭނުންވާނެ ހަކަތަ ލިއްބައިދޭނެ އެއްޗެކެވެ.

މީގެ އިތުރުން ލެޓިއުސް، ކިއުކަމްބާ ފަދަ އެއްޗެހި ބޭނުންކޮށްގެން ކާއެއްޗެހި ތައްޔާރު ކޮށްލެވިދާނެ އެވެ. ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމުގައި ކިއުކަމްބާ ފަދަ ތަރުކާރީ މުހިއްމު ރޯލެއް އަދާކުރެ އެވެ. ބިހާއި، އެއްގަމު މަސް ވެސް ކޮންމެ ވެސް ވަރަކަށް ބޭނުން ކުރާށެވެ.

ތެޔޮ ބޭނުން ކޮށްގެން ތެލުލާފައި ހުންނަ ހެދިކާގެ ބަދަލުގައި ސޭންޑްވިޗް ފަދަ އެއްޗެއް ތަރުކާރީ އާއި މަސް ބޭނުން ކޮށްގެން ތައްޔާރު ކުރެވިދާނެ އެވެ.

ފޮނިއެއްޗެހި މާގިނައިން ބޭނުން ކުރުމުން ދުރުވާށެވެ. ކާބޮނޭޓެޑް ބުއިންތައް ބުއިމުން ވެސް ދުރުވާށެވެ. މިއީ ހަށިގަނޑުގައި ހަކުރު އެކުލެވޭ މިންވަރު ކުޑަކުރުމަށް ކުރެވިދާނެ ކަމެކެވެ. މީގެ އިތުރުން ރޯދަ ވީއްލުމަށް ފަހު ކެފެއިން ހިމެނޭ ތަކެތި މާގިނައިން ބުއިން ވެސް ރަނގަޅެއް ނޫނެވެ.