މި ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓާ ދިމާކޮށް އެމްޑީޕީގެ ބައެއް މެމްބަރުން ރިޝްވަތު ނަންގަވައި ފިއްލެވި ކަމަށާއި ޕާޓީގެ ލީޑަޝިޕުން އެކަމާ ދޭތެރޭގައި އެޅި ފިޔަވަޅެއް ނެތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް، އެމްޑީޕީ އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވަރަށް ބޮޑަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
މަޖިލިހުގެ ޖަލްސާގައި އެންޓި-ޑިފެކްޝަން ބިލަށް ބަހުސް ކުރައްވަމުން އެންޓި-ޑިފެކްޝަން ބިލެއް އައުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ގާނޫނު ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ. އެ ގާނޫނު ހަރުދަނާ ނުކުރެވޭ ނަމަ، ޕާޓީތަކުގެ ވެރިންނަށް ހޮވޭ މީހުންނަކީ އެއްވެސް އިތުބާރެއް ނެތް، ރައްޔިތުންގެ ލޯތްބެއް އަދި ގާބިލްކަމެއް ނެތް ބަޔަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް ކަމަށް ވެސް އެންމެ ފަހުން ހޮވުނީ އެއްވެސް މީހަކު ކުރިމަތިނުލާތީ ހޮވުނު ރައީސެއް ކަމަށާއި މިފަދަ ކަންކަން ތަކުރާރު ވާނަމަ ޕާޓީތަކުގެ ސައްހަކަން ގެއްލިގެން ދާނެ ކަމަށް ސަނީފް ވިދާޅުވި އެވެ.
"އެންމެ ފަހުން އާ ސަރުކާރު އައިސްގެން ވަޒީރުންނަށް ރުހުން ދިން ވޯޓުގައި އެމްޑީޕީ މެމްބަރުން ރިޝްވަތު ނަގައިގެން ރުހުން ދިން އިރު، އަދި އެ ވޯޓަށް ފިލިއިރުގައި މިއާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދެއްކި އެއްވެސް ލީޑަރެއް އެމްޑީޕީގައި ނެތް ކަން އަޅުގަނޑު ފާހަގަ ކުރަން. މިއާ އެއްކޮށް ޕާޓީ ވިއްސި ވިހާލިވެ ޕާޓީ ދެކަފި ވެގެން ދިޔައިރުގައި އަޅުގަނޑުމެން ތްރީލައިން ވިޕް ނޫން ވިޕަށް ވޯޓު ނުދިނީމާ އަޅުގަނޑުމެންގެ ވާހަކަ ދެއްކީމާ މިއީ ލަދުވެތި ކަމެއް،" ވަޒީރުންނަށް ރުހުން ދިނުމަށް ނެގި ވޯޓުތަކުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރު ކަމުގައިވާ ސަނީފް ވިދާޅުވި އެވެ.
ސަނީފް ވިދާޅުވީ، 18 ވަނަ މަޖިލީހުން ހެދި އެންޓި-ޑިފެކްޝަން ގާނޫނު އެމްޑީޕީން ވެރިކަމަށް އައުމަށް ފަހު އުވާލީ އަމިއްލަ މަންފާ އަށް ކަމަށާއި އެ ގާނޫނު އުވާލައިގެން ނުވާނެ ކަމަށެވެ.
އެންޓި-ޑިފެކްޝަން ގާނޫނު އެކުލަވާލައި ޕާޓީތަކަށް މެންބަރުން ވަކި ކުރެވޭ ގޮތް ހަދާ އިރު، ބިލަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސަނީފް ވިދާޅުވި އެއް ބަދަލަކީ ދާއިރާގެ ރައްޔިތުންގެ ވޯޓުން މެމްބަރުން ވަކި ކުރެވޭނެ ހެން ރީކޯލް ވޯޓެއް ނެގުމާ ގުޅޭ ބައެއް ބިލްގައި ހިމެނުމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބޭއްވުމަށް އެމްޑީޕީން ގާނޫނަށް ހުށަހެޅި އިސްލާހަށް ސަނީފް ވޯޓު ނުދެއްވައި އެ ދުވަހު ވަނީ ފިއްލަވައިފަ އެވެ. ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ސަނީފު އެ ދުވަހުގެ ވޯޓަށް ފިއްލެވީ ޕީއެންސީއާއެކު ހެދި ޑީލެއްގެ ދަށުންނެވެ. އެ ވޯޓަށް ފަހު ޕީއެންސީގެ ބައެއް އިސް ބޭފުޅުންނާއެކު ކޮފީ މޭޒުތަކުގައި ސަނީފު އިންނަވާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެފައިވެ އެވެ.