ބޮލީވުޑްގައި "ޕާފެކްޝަނިސްޓް"ގެ ނަމުން މަޝްހޫރުވެފައިވާ އާމިރު ޚާންއަށް އިއްޔެ މިވަނީ 59 އަހަރު ފުރިފަ އެވެ. އުމުރުން 60 ގެ އަހަރުތަކަށް އަޅާފައިވާއިރު އޭނާއަކީ ބޮލީވުޑުގައި އެންމެ ކާމިޔާބު އެއް ތަރި އެވެ.

ތިރީސް އަހަރަށް ދެމިގެންދާ އޭނާގެ ދިގު ކެރިއަރުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެދީފައިވެ އެވެ. އޭގެ ތެރޭގައި "ގަޔާމަތުސޭ ގަޔާމަތު ތަކް"، "ރާޖާ ހިންދުސްތާނީ"، "ތާރޭ ޒަމީން ޕަރް"، "ތުރީ އިޑިއަޓްސް" އަދި "ޑަންގަލް" ފަދަ ފިލްމުތައް ހިމެނެ އެވެ.

މިއިން ކޮންމެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމުތަކަކަށްވާއިރު އެ ފިލްމުތަކުން އޭނާއަށް ބޮޑު އާމްދަނީއެއް ވެސް ލިބިފައިވެ އެވެ. މިއަދު އޭނާއަކީ ބޮލީވުޑްގެ އެންމެ މުއްސަނދި އެއް އެކްޓަރެވެ.

ހަބަރުތައް ބުނާ ގޮތުގައި މި ވަގުތު އާމިރުގެ މިލްކިއްޔާތުގައި 1862 ކްރޯޑު ރުޕީސް އެބަހުއްޓެވެ. އެއީ އެކްޓިންގެ އިތުރުން އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް އާއި ބްރޭންޑް އެންޑޯޒްމަންޓްތަކުގެ އިތުރުން ރިއަލް އެސްޓޭޓް މެދުވެރިކޮށް ލިބޭ އާމްދަނީ ހިމަނައިގެންނެވެ.

އާމިރުގެ މިލްކިއްޔާތުގައި ހުރި ބައެއް އަގުބޮޑު މުދަލަށް ބަލާއިރު އެމެރިކާގެ ލޮސް އެންޖެލެސްގެ ބެވަލީ ހިލްސްއިން ގަނެފައިވާ ގެ ފާހަގަ ކުރެވެ އެވެ. އެ ހިސާބަކީ ހޮލީވުޑްގެ ގިނަ ތަރިންގެ ގެތައް ވެސް ހުންނަ "ލަގްޒަރީ" ސަރަހައްދެކެވެ.

އާމިރު އުފަންވެފައިވަނީ 1965 ވަނަ އަހަރުގެ މާޗު މަހުގެ 14 ވަނަ ދުވަހު އެވެ. އިއްޔެ އޭނާ ވަނީ މީޑިއާއާ އެކު އޭނާގެ އުފަން ދުވަސް ފާހަގަކޮށްފަ އެވެ.