އަލް ފަގީރްގެ ނަމުން މަޝްހޫރުވެފައިވާ ސައޫދީ އަރަބިއާގެ މަދިނާގައި ހުންނަ ސަލްމާން އަލް ފާރްސީ ފެންވަޅު މަރާމާތަށްފަހު އަލުން ހުޅުވައިފި އެވެ.
ކީރިތި ރަސޫލާގެ ޒަމާނުގައި ވެސް ބޭނުން ކުރެވިފައިވާ އެ ފެންވަޅުގެ ތާރީހު ގުޅިފައިވަނީ ސަލްމާން އަލް ފާރްސީ ނަމަކަށް ކިޔާ އަޅަކާ އެވެ.
ބުނެވޭ ގޮތުން ކީރިތި ރަސޫލާ އަގެއް ދެއްވައި ސަލްމާން މިނިވަން ކުރެއްވި އެވެ. އެއަށްފަހު އެސަރަހައްދަށް އޭނާގެ ނަމުން ނަން ދެވުނެވެ.
މިހާރު މަދީނާގެ ރީޖަން ޑިވެލޮޕްމަންޓް އޮތޯރިޓީގެ ދަށުން ތަރައްގީ ކުރެވިފައިވާ އެ ސަރަހައްދުގައި ފެންވަޅުގެ ވަށައިގެން ފެންސްއެއް ލެވިފައިވާއިރު މައި ދޮރާށި ވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިފަ އެވެ.
މި ފެންވަޅު އާއްމުކޮށް މިހާރު ހުޅުވިފައިވާއިރު އެ ސަރަހައްދުގައި ގަސް އިންދައި ބަގީޗާއެއް ތަރައްގީކޮށް އާއްމުންނަށް ހިތްފަސޭހަ ތަނަކަށް ވަނީ ހަދާފަ އެވެ.
އެއާއެކު އެ ސަރަހައްދަށް ޒިއާރަތްކުރާ މީހުންނަށް އެ ސަރަހައްދުގެ މައުލޫމާތާއި ތާރީހު އެނގޭފަދަ ގޮތަކަށް ފިލައެއް ވެސް ވަނީ ހަރު ކުރެވިފަ އެވެ.