މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އޮލިމްޕަސް ސްކްރީނުގައި އެޅުވުމަށްފަހު ޖުލައި މަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ޓީވީ ސްކްރީންތަކަށް ރިލީޒްކުރި އަހަރުގެ އެންމެ މަގްބޫލު އެއް ފިލްމު، ޑާކްރެއިން އެންޓަޓެއިންމަންޓްގެ "ބީވީމާ" މިހާރު ފޯނު، ޓެބްލެޓް އައިޕެޑް ފަދަ މޯބައިލް ސްރީންތަކުން ވެސް ބަލާލެވޭނެ އެވެ.

ފިލްމު ބީވީމާގެ ލީޑް ރޯލުތަކުން ފެނިގެންދަނީ އެކްޓިންއަށް އާ ނަމަވެސް ލަވަކިޔުމުގެ ދާއިރާގައި އެފަދަ ދެވަނައެއް ނެތް ފަރާތެއް ކަމުގައިވާ މަގްބޫލު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އަދި ތަޖުރިބާކާރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އެވެ. މީގެ އިތުރުން ފިލްމީ ދާއިރާގައި އަރަމުން އަންނަ ތަރި އާމިނަތު ރަޝްފާ (އާޝާ) އަދި އާދަމް ޒިދާން (ނާނަ) މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާނެ އެވެ.

މި ފިލްމަކީ ދެކުނު އިންޑިއާގެ ފިލްމަކުން ޚިޔާލު ނަގައިގެން އުފައްދާފައިވާ ލޯބީގެ އަސަރުގަދަ އަދި މިސްޓީރިއަސް ފިލްމެކެވެ.

"ބީވީމާ" މި ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ 13 ވަނަ ފީޗާ ފިލްމެވެ. މި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަ އަހުމަދު ޒަރީރު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތައުފީގު އާއި މުހައްމަދު ޢަލީ (މޮގާ) އެވެ. ކެމެރާކޮށްފައި ވަނީ ހުނަރުވެރި ސިނަމޮޓޮގްރާފަ އިބްރާހިމް ވިސާން (ކަނޑި) އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދާފައި ވަނީ އެވޯޑް ހޯދާފައިވާ ކެމެރާމަން، ޑައިރެކްޓަ އަލީ ޝިފާއު (ޗިއްޕެ) އެވެ.

ފާއިތުވި އަހަރު ޖުލައި މަހު "ބީވީމާ" މީޑިއާނެޓްގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ޓީވީ ސްކްރީނުތަކުން ގިނަ ބަޔަކު ވަނީ ބަލާފަ އެވެ. އަދި ގިނަ ބަޔަކަށް ވަނީ މި ފިލްމު ވަރަށް މަގުބޫލްވެފަ އެވެ. ރީތި ވާހަކައަކާއި މޮޅު އެކްޓިންގެ އިތުރުން މި ފިލްމުގެ މަންޒަރުތަކާއި ފިލްމުގައި ހިމަނާފައިވާ ރީތި މިއުޒިކު ދިވެހިންގެ ރަހަތަކާ ވަރަށް ގުޅެ އެވެ.

ވީޑިއޯ ކްލަބުން އަންނަނީ އެންމެ ފަހުގެ ދިވެހި އަމިއްލަ އުފެއްދުންތައް އެ ޕްލެޓްފޯމް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް ގެނެސްދެމުންނެވެ. އެގޮތުން ދާދި ފަހުންވެސް ވަނީ ދިވެހި ފިލްމު "ނީނާ" އަދި އެމް އޮރިޖިނަލްސް ބެނާގެ ދަށުން އުފެއްދި "ޝަރުތު" ސީރީޒް އެ ހިދުމަތުގައި ހިމަނާފަ އެވެ.

ވީޑިއޯ ކްލަބް ހިދުމަތަށް ސަބްސްކްރައިބް ކުރުމަށް އެންޑްރޮއިޑް ޕްލޭ ސްޓޯރު ނޫނީ އެޕަލް އެޕް ސްޓޯރު މެދުވެރިކޮށް "އެމްއެސް މީޑިއާނެޓް" އެޕްލިކޭޝަން ޑައުންލޯޑު ކުރުމަށްފަހު މީޑިއާނެޓުގެ އޮންލައިން ޕޭމަންޓް ޕޯޓަލް "ކުއިކް ޕޭ" މެދުވެރިކޮށް ސަބްސްކްރިޕްޝަން ޕެކޭޖެއް ނުވަތަ ވައުޗަރެއް ގަނެގެން ވީޑިއޯ ކްލަބްގައި ހިމެނޭ ކޮންޓެންޓް ބަލާލެވޭނެ އެވެ.