ލަސްވެގެން އަންނަ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް ރައީސް މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކޮންމެ ދުވަހަކު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގެ ތެރެއިން މ. ނައިޓްލައިޓް، އަބްދުﷲ އިނާން ކުރި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އީ-ވޮލެޓް ތައާރަފު ކުރުމާ ގުޅުންހުރި މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

"އަޅުގަނޑުމެން މި އުންމީދު ކުރަނީ މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން އީ-ވޮލެޓް ތައާރަފު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ޚިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މި ޚިދުމަތާ ގުޅޭގޮތުން ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އީ-ވޮލެޓް ތައާރަފުކޮށް، ބޭރުގެ ފަރާތްތަކަށް ޚިދުމަތްތައް ވިއްކައި، އެއިން ލިބޭ މަންފާ ރައްޔިތުންނަށް ލިބޭ ގޮތް ހަދައިދެއްވުން ކަމަށެވެ.