ރާއްޖޭގެ އެކި ރަށްރަށުގައި ކުރީ ސަރުކާރުން ހިންގި ގިނަ މަޝްރޫޢުތައް އެ ސަރުކާރު ބަދަލުވުމުގެ ކުރިން އޮތީ ހުއްޓިފައި ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ތ. ވިލުފުށީ ދާއިރާގެ ކެމްޕެއިން ހަރަކާތެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޒަމީރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ހިންގަމުން އައި މަޝްރޫއުތައް ކުރީ ސަރުކާރު ނިމުނު އިރުވެސް ހުއްޓިފައި އޮތްކަން، ހަމައެކަނި ތ. އަތޮޅަށް ބަލާލުމުން ވެސް ހާމަވެގެންދާ ކަމަށެވެ. އެގޮތުން ބުރުނި ގޮނޑުދޮށް ހިމާޔަތް ކުރުމާއި، އެރަށު ފެނާ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތްތަކަކީ ކުރީ ސަރުކާރުން ފަށާ މިސަރުކާރު ހަވާލުވިއިރު ހުއްޓިފައި އޮތް ދެ މަސައްކަތް ކަމަށް މިސާލު ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

ތ. ބުރުނީ އުފަން ޒަމީރު ވިދާޅުވީ މިސަރުކާރު ވެރިކަމާ ހަވާލުވީ، ބުރުނީގެ ފެނާ ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓިފައި އޮންނަތާ 8 މަސް ދުވަސް ފަހުން ކަމަށެވެ. މީގެ އިތުރުން ތިމަރަފުށީ މަގުހެދުމުގެ މަސައްކަތަކީ 2019 ވަނަ އަހަރު ފަށާފައި އޮތް މަސައްކަތެއް ކަމަށާއި އެ މަސައްކަތް ވެސް ނުހިނގާ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އޭގެ އިތުރުން ވިލުފުށީގައި ހޮސްޕިޓަލެއް އެޅުމަށް ކަމަށް ބުނެ މަގު ކޮނެފައި އޮންނަތާ ވެސް އެތައް މަހެއް ފާއިތުވެއްޖެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ރައްޔިތުންނަށް ހެވެއް އެދިގެން ކުރީ ސަރުކާރުން ފެށި މަޝްރޫއެއް ނެތް، އެ މީހުން މަސައްކަތް ފެށްޓެވީ ރައްޓެއްސަކަށް މާލީ މަންފާއެއް ހޯދައިދޭން. އެކަން ހާސިލުވުމުން މަސައްކަތްތައް ހުއްޓެނީ އެހެން ނޫނީ ސްޕީޑް ދަށް ވަނީ. އަނެއްކާވެސް އެ މަސައްކަތް އެހެން މީހަކަށް އެމަސައްކަތް ހަވާލުކުރަނީ،" ޒަމީރު ވިދާޅުވި އެވެ