އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފި އެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ- ރަޖިސްޓްރޭޝަންގެ މަރުހަލާ ނިންމުމަށްފަހު ފައިނަލް ވޯޓާސް ލިސްޓު އިލެކްޝަންސް ކޮމިޝަނުން ގެޒެޓުކޮށް އެ ކޮމިޝަނުގެ ރަސްމީ ވެބްސައިޓުގައި ވަނީ އާއްމުކޮށްފަ އެވެ.

ދާއިމީ ލިސްޓުން ދައްކާގޮތުގައި މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްލަ 284،663 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. މީގެ ތެރޭގައި ހިމެނެނީ 139،361 އަންހެނުންނާއި 145،302 ފިރިހެނުން ހިމެނެ އެވެ.

މިފަހަރުގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަކަށް 369 ކެންޑިޑޭޓުން ވާދަކުރައްވާނެ އެވެ. ރީ- ރަޖިސްޓްރޭޝަން މަރުހަލާ ނިންމުމަށްފަހު ވޯޓު ފޮށި ބަހައްޓާނެ އަދަދުތަކަށް ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ބަދަލުގެނެސްފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނިގޮތުގައި މިފަހަރުގެ އިންތިޚާބުގައި 602 ވޯޓު ފޮށި ބަހައްޓަ އެވެ. އެގޮތުން މާލޭގައި 181 ފޮށި، ހުޅުމާލޭގައި 51 ފޮށި އަދި ވިލިމާލޭގައި 9 ވޯޓު ފޮށި ބަހައްޓާން ނިންމާފައިވެ އެވެ. މި އިންތިޚާބުގައި އަތޮޅުތަކުގައި 319 ވޯޓު ފޮށި ބަހައްޓާއިރު ރާއްޖެއިން ބޭރުގެ 3 ގައުމަކާއި، ރިސޯޓުތަކުގައި 34 ވޯޓު ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބަހައްޓާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނެ ގައުމުތައް ކަނޑައަޅާފައި ވަނީ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓްރީވި މީހުންގެ ނިސްބަތަށް ބެލުމަށްފަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ. ބޭރު ގައުމުތަކުގައި ވޯޓު ފޮށި ބަހައްޓަނީ މަދުވެގެން 150 މީހުން ވޯޓުލާން ރަޖިސްޓްރީ ކުރުމުންނެވެ. އަދި ރިސޯޓްތަކުގައި ވޯޓު ފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.

ރާއްޖެއިން ބޭރުގައި ވޯޓު ފޮށި މިފަހަރު ބަހައްޓާނީ، އިންޑިއާގެ ޓްރިވެންޑްރަމް އާއި ސްރީލަންކާގެ ކޮލަމްބޯގެ އިތުރުން މެލޭޝިޔާގެ ކުއަލަލަމްޕޫރުގަ އެވެ.