ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ޕާޓީން ވަކިވުމުން މެންބަރުކަން ގެއްލޭ ގޮތަށް ހެދުމަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި ޑިފެކްޝަން ބިލް މަޖިލީހަށް ބަލައިގެނެ، އެ ބިލުގެ މަސައްކަތް އަވަަސްކުރަން ވަގުތީ ކޮމިޓީއަކަށް މިއަދު ފޮނުވައިފި އެވެ.

ޕާޓީ ބަދަލު ކުރުމުން ގޮނޑީ ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވި ބިލު، މަޖލީހަށް ބަލައިގަނެ، އެ ބިލު ދިރާސާ ކުރަން ފޮނުވީ 7 މެންބަރުން ހިމެނޭ ކޮމިޓީއަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންޓި-ޑީފެކްޝަން ބިލު މަޖިލީހަށް ބަލައިގަނެފައިވަނީ ވޯޓުގައި ބައިވެރިވި 41 މެންބަރުންގެ ވޯޓުންނެވެ. އަދި އެ ބިލު ދިރާސާ ކުރުމަށް ވަގުތީ ކޮމިޓީއެއް ވެސް އެކުލަވައިލަން 29 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފަ އެވެ.

އެގޮތުން ވަގުތީ ކޮމިޓީއަށް މެންބަރުން ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު ވަނީ 7 މެންބަރުންގެ ކޮމިޓީއަށް ނަން ހުށަހަޅުއްވާފަ އެވެ.

އެގޮތުން ހުށަހެޅުއްވި މެންބަރުންނަކީ:

  1. ބާރަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު އަބްދުﷲ
  2. މަނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ހާރޫން
  3. ފުނަދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝާހިދު
  4. ކެލާ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ޝަރީފް
  5. ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީ
  6. ވިލުފުށި ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު ހަސަން އަފީފު
  7. ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސްގެ މެންބަރު އިލްޔާސް ލަބީބު