ހުޅުމާލޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ 14 ބުރީގެ ކޯޓު ކޮމްޕްލެކްސް އިމާރާތް ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީ އެވެ.

މި 14 ބުރީގެ ޒަމާނީ އިމާރާތުގައި ރާއްޖޭގެ މުހިންމު ގިނަ ކޯޓުތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގޭނެ އިންތިޒާމުތައް ހަމަޖައްސާނެ އެވެ. އެގޮތުން ހައިކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިންގުމަށް ބޭނުންވާ ޖާގަ މި އިމާރާތުގައި ހިމެނޭނެ އެވެ.

މީގެ އިތުރުން ޝަރުއީ ދާއިރާގެ އިދާރީ ކަންކަން ބަލަހައްޓާ މައި އިދާރާ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ އޮފީސްތައް ވެސް މި އިމާރާތަށް ބަދަލުކުރުމަށް ވަނީ ނިންމާފަ އެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ކޯޓުތައް ބެހިފައިވުމުގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށާއި މުވައްޒަފުންނަށް ދިމާވާ ޖާގައިގެ ދަތިކަމަށް މި މަޝްރޫއާއެކު ހައްލެއް ލިބޭނެ އެވެ.

މާލޭގައި ކޯޓްތައް ހިންގަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޅި އިމާރާތްތަކުގަ އެވެ. އެ އިމާރާތައް ވަނީ ބާވެ ބޭނުންނުކުރެވޭ ހާލަތުގަ އެވެ.