ކާބޯތަކެތީގެ ރައްކާތެރިކަން ރާއްޖޭގައި ގާއިމްކުރުމަށް އުތުރު ތިލަފަޅުން ބިން ހިއްކައިގެން ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންއާއި (އެމެއައިޑީ)، އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑާ އެކު ރާއްޖޭގައި އެގްރިކަލްޗާ އިކޮނޮމިކް ޒޯންނެއް (އޭއީޒެޑް) ގާއިމްކުރުމަށް އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެމްއޯޔޫއާއި އޭގެ ދަށުން ސޮއިކުރެވޭ އެއްބަސްވުންވެގެންދާނީ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމާއި، އިގްތިސާދު ސިންދަފާތުކުރުމާއި، އިމްޕޯޓްކުރާ ކާބޯތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށް އެސްޓީއޯ އިން ބުންޏެވެ.

މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖާ މާއޯ ބާއޯ އެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު، އޭގެ މައިގަނޑު އެއް ސަބަބަކީ އިމްޕޯޓުކުރާ ކާބޯތަކެއްޗަށް ގައުމު ބަރޯސާވެފައިއޮތް މިންވަރެވެ. ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތީގެ ގާތްގަނޑަކަށް 90 ޕަސެންޓް އިމްޕޯޓުކުރެ އެވެ.

ރާއްޖެގައި އިމްޕޯޓަށް ބަރޯސާވާން ނުޖެހޭ ހަމައެކަނި ކާނާގެ ބާވަތަކީ ކަނޑުމަހެވެ. އިމްޕޯޓުކުރާ ކާބޯތަކެތީގެ ތެރޭގައި އަސާސީ ބާވަތްތައްވެސް ހިމެނޭއިރު، ރާއްޖޭގެ ކާބޯތެކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ހާމަވެގެންދެ އެވެ. ތާރީހީ ގޮތުން ބަލާއިރު ރާއްޖެއަށް ކާބޯތަކެތީގެ ރައްކާތެރިކަމުގައި އެންމެބޮޑު ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޖިއޮގްރަފިކަލް ލޭއައުޓާއި ދަނޑުވެރިކަން ކުރެވޭ ބިމުގެ ދަތިކަމުންނެވެ.

ދިވެހި ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތް ތަރައްގީކުރުމަށް ގިނަގުނަ މުހިންމު މަސައްކަތްތަކެއް ކޮށްފައިވާއިރު އެހެން މުހިންމު ސިނާއަތްތަކާ އަޅާބަލާއިރު މިކަމަށް ފާހަގަކޮއްލެވޭ ކުރިއެރުމެއް އައިސްފައެއް ނެތެވެ. އެވްރެޖްކޮށް ދަނޑުވެރިކަން ހިއްސާކޮށްފައިވަނީ ރާއްޖޭގެ ޖީޑީޕީގެ ދެ ޕަސެންޓަށް ވުރެ ވެސް މަދު އަދަދެކެވެ.

ދަނޑުވެރިކަން ކުރިއެރުން މަޑުޖެހޭ އެންމެ ބޮޑު އެއްސަބަބަކީ އުފެއްދުންތެރިކަމާއި، މާކެޓް ނިޒާމުތައް ބަލިކަށިކަމުންނެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން އިގްތިސާދަށް އައި ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ސަޕްލައި ޗެއިންތައް ބުރޫއަރާ، ކާބޯތަކެތީގެ ރައްކާތެރިކަން ދިޔައީ އިތުރަށް ގޯސްވެގެންނެވެ. އަދި ބައިނަލް އަގްވާމީ ކާރިސާތަކާއި، ސަޕްލައިއަށް އަންނަ ހުރަސްތަކާއި، ޖިއޯޕޮލިޓިކަލް ބަދަލުތަކާ ގުޅިގެން އިމްޕޯޓަށް މިހާބަރޯސާވެފަވާ ރާއްޖެއަށް ހުރި ނުރައްކާތަށް އިތުރަށް ސާފުވެގެން ދިޔަ އެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯނެއް ތަރައްގީކުރުމަށް އެކުލަވާލާފައިވާ މި އެއްބަސްވުމަކީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ މިފަދަ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނޭ މުހިންމު ފެށުމެކެވެ. މި މަސައްކަތް ފެށިފައި ވަނީ ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުންނެވެ.

އެގްރިކަލްޗާ އިކޮނޮމިކް ޒޯން (އޭއީޒެޑް) އަކީ ބޭނުންވާ އެހީތެރިކަމާއި އިންފްރާސްޓްރަކްޗާ މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކޮށް، ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ތަރައްގީކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ.

ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ތާރީހީ ގޮތުން ބަލާއިރު، ދަނޑުވެރިކަމުގެ ދާއިރާތައް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސްޕޯޓް އާމްދަނީ އިތުރުކުރުމަށް މަސައްކަތްކުރާ ގައުމުތަކުގައި އޭއީޒެޑްތަކަކީ މުހިންމު ވިޔަފާރިއެކެވެ.