އަމިއްލަ ދަނޑުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-0 އިން މޮޅުވެ، އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީން ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ސިޓީ އަށް ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ހޯދައިދިނީ ސްޕެއިންގެ މިޑްފީލްޑަރ ރޮޑްރީ އެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެ ޓީމުގެ ޖަރުމަން މިޑްފީލްޑަރު އިލްކޭ ގުންޑޮގާން ވަނީ އިތުރު ދެ ލަނޑު ޖަހައިފަ އެވެ.

މެންޗެސްޓާ ސިޓީ ތާވަލްގެ އެއްވަނައިގައި އޮތީ 53 ޕޮއިންޓާއެކު އެވެ. ލިވަޕޫލް އަތުން ރޭ މޮޅުވެ، ލެސްޓަރ ސިޓީ އޮޓީ 46 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގަ އެވެ. އެކަމަކު ލީގުގައި މިރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ތާވަލްގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ދެވަނަ އަށް ޖެހިލާނެ އެވެ.

ރަށުން ބޭރުގައި ރޭ ލިވަޕޫލް އަތުން ފަހަތުން އަރައި 3-1 އިން ލެސްޓަރ މޮޅުވީ ޖޭމްސް މެޑިސަން އާއި ޖޭމީ ވާޑީ އަދި ހާވީ ބާންސްގެ ޖެހި ލަނޑުތަކުންނެވެ. މި މެޗުގައި ލިވަޕޫލް އިން ފުރަތަމަ ލީޑު ނެގީ މުހައްމަދު ސަލާހު ޖެހި ލަނޑުންނެވެ.

މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ "މި ގެއްލުނީ ލިވަޕޫލަށް މޮޅުވެވޭނެ މެޗެއް" ކަމަށެވެ.

"މިއީ އަހަރަމެންނަށް މޮޅުވެވޭނެ މެޗެއް. ރަނގަޅަށް ކުޅެ، ލެސްޓަރ އަށް މެޗަށް ވަންނާނެ ފުރުސަތެއް ނުދެން،" ކްލޮޕް ބުންޏެވެ. "ލެސްޓަރ އިން ޖެހި ފުރަތަމަ ލަނޑަކީ އޮފްސައިޑް ލަނޑެއް ކަމަށް އަހަރެން ގަބޫލްކުރަނީ." -- ބީބީސީ