ރާއްޖޭގެ ތައުލީ ނިޒާމު އެ ފުށް، މި ފުށަށް ޖަހާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސް ރޮޒެއިނާ އާދަމް މިއަދު ވިދާޅުވެއްޖެ އެވެ.

ރޮޒެއިނާ އެގޮތަށް ވިދާޅުވީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް ދިމާވާތީ ސްކޫލު ކުދިންގެ އިމްތިހާނު އަވަސް ކުރަން ކުރިން ނިންމި ނިންމުން ބަދަލު ކުރަން ނިންމެވި ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ރޮޒައިނާ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ސަރުކާރުން ތައުލީމީ ނިޒާމު އެ ފުށް، މިފުށަށް ޖަހާ މައްސަލަ މިއީ އަސްލު ވެސް ބޮޑުވެއްޖެ މައްސަލައެއް ކަމަށެވެ. އަދި މިހާރު ގިނަ ސްކޫލްތަކުގައި ދިވެހި، އިނގިރޭސި، އިމްތިހާން ހަދާފައިވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ. އަދި މިކަން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ނޭނގެނީތޯ ސުވާލު ކުރެއްވި އެވެ.

"ޕޯޑިއަމަށް އަރާފައި ކުއްލިއަކަށް އެއްވެސް ބަޔަކާ މަޝްވަރާ ވެސް ނުކޮށް ވާނުވާ ވެސް ނުބައްލަވާ ކުދިންގެ ކިޔެވުމާ ގުޅޭ ނިންމުންތައް އަބަދު މި ނިންމަނީ ކުއްލި ކުއްލިއަކަށް. ވަރަށް ދެރަ ކަމެއް މިއީ،" ރޮޒެއިނާ ވިދާޅުވި އެވެ.

އިމްތިހާން އޮންނަ ދުވަސްވަރާ މަޖިލިސް އިންތިހާބު ދިމާވާތީ އިމްތިހާނު އަވަސް ކުރުމަށް މި މަހުގެ ކުރީކޮޅު ސަރުކާރުން ނިންމި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައި ވަނީ އަންނަ މަހުގެ 21 ގަ އެވެ. އީސީން ފުރަތަމަ ނިންމީ މި މަހުގެ 17 ވަނަ ދުވަހު މަޖިލިސް އިންތިހާބު ބޭއްވުމަށެވެ. އެކަމަކު، ރޯދަ މަހުގައި އިންތިހާބު ދިމާވާތީ ރޯދަ މަސްތަކުގައި އިންތިހާބު ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިހާރު ވަނީ ބަދަލު ގެނެސްފަ އެވެ. މި ބަދަލާ އެކުގައި އިންތިހާބެއް ރޯދަ މަހަކާ ދިމާވާ ނަމަ، އެ އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ނެރުނު ސާކިއުލާއެއްގައި ބުނީ 2023- 2024 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގައި ގްރޭޑު 7،8 އަދި 9ގެ ދަރިވަރުންގެ އިމްތިހާނު ބޭއްވުމަށް 16 އޭޕްރީލް އިން 27 އަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލިސް އިންތިހާބާ ދިމާވާތީ އިންތިހާބު ފަށާ ތާރީހަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އަދި މި މަހުގެ 27 އާއި އަންނަ މަހުގެ 25 އާ ދެމެދު ރަސްމީ ދުވަސްތަކުގައި އިމްތިހާނުތައް ބާއްވާ ނިންމަން އެދުނެވެ.

"ސަންގު ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއާ ވާހަކަ ދައްކަައިގެން، އެ އިމްތިހާނުތައް އަވަސް ނުކުރާ ގޮތަށް ހަމަޖައްސާނެ ކަމަށެވެ. އެފަދަ ކަންކަން ރާއްވަވާނީ، ބެލެނިވެރިންނާއި ދަރިވަރުންނަށް ދަތިނުވާ ގޮތަށް ކަމަށް ވިދާޅުވި އެވެ.

އިމްތިހާނު އަވަސް ކުރުމަށް ނިންމުމުން ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ކުދިންނަށް އިމްތިހާނަށް ތައްޔާރުވާން ވަގުތު ނުލިބޭނެ ކަމަށް ބައެއް ބެލެނިވެރިން ބުނެފައިވެ އެވެ.